ލޮކްޑައުން އުވާލެވޭނީ ފެންނަމުންދާ ކޭސްތަކުގެ އަދަދު މަދުވާން ފެށީމަ: ޑރ. އަފްޒަލް

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް އޮތުން އުވާލެވޭނީ މިހާރު ފެންނަމުންދާ ޕޮސިޓިވް ކޭސްތަކަށް މަދުވާން ފެށުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. މާލެ ސަރަ...

26 Apr 2020 | 18:53

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް އޮތުން އުވާލެވޭނީ މިހާރު ފެންނަމުންދާ ޕޮސިޓިވް ކޭސްތަކަށް މަދުވާން ފެށުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

މާލެ ސަރަހައްދުގެ ލޮކްޑައުން ކޮށްފައިވަނީ14 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެއް ވަނަދުވަހު އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭ ފަރާތުން އައިޖީއެމްއެޗުގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މާލެއިން ޕޮސިޓިވްވަމުންދާ ކޭސްތަކަށް ބަލާއިރު ގިނަ ކޭސްތަކަކީ އެއް ކޭސް އަނެއް ކޭސްއާއި ގުޅިފައިވާ ކޭސްތަކެއް ކަމަށެވެ. އެހެންވެ ކުރިޔަށް އޮތްތާ ޕޮސިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ އަތޮޅު ތެރެއަށްވެސް މި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ލޮކްޑައުންގެ ހާލަތު އުވާލެވޭނީ އެ އަދަދުތަކަށް މަޑުޖެހުމެއް އަންނަން ފެށުމުން ކަމަށެވެ. އަދި މިހާރު ބަލި ފެންނަމުންދާ ގޮތަށް ބަލާއި ބިދޭސީންގެ މެދުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައިވާ ކަމަށް ފާހަގަވަމުންދާ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާތަނަށް ފެނުނު ޕޮސިޓިވް ގިނަ ކޭސްތަކަކީ މޭލޭގެ އެއް ސަރަހައްދުތަކަކުން ފެނިފައިވާ ކޭސްތަކެއް ކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ކޭސްތައް ގުޅިފައި ހުންނަނީ ކުރިން ޕޮސިޓިވްވެފައިވާ ފަރާތަކާއި ގުޅުން ހުރި މީހުންގެ ގޮތުގައި ކަމަށެވެ.

އިތުރަށް ވިދާޅުވީ މި ކޭސްތައް ކޮންޓްރޯލްވުމުން ލޮކްޑައުން އުވާލިޔަސް ދެން ދިރިއުުޅުން ބައްޓަންކުރަން ޖެހޭނީ ކޯވިޑް އާއި އެކު އުޅެން ކަމަށެވެ.

އިއްޔެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ޕޮސިޓިވް ކޭސްތައް ފެންނަމުންދާ މިންވަރަށް ބަލާއިރު މާލެ އޮތީ ލޮކްޑައުން އުވަލާ ހާލަތުގައި ނޫން ކަމަށެވެ. އަދި އެ ހާލަތު މެއި އެއް ވަނަ ދުވަހާއި ހަމައަށް ބަދަލުވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންވެ މިހާރު އިއުލާނުކޮށްފައިވާ14 ދުވަހުގެ ލޮކްޑައުންގެ މުއްދަތު އިތުރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް