ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވި އިންޑިއާ މީހުންނަށް ރާއްޖޭގައި ހުންނަ އެ ގައުމުގެ ހައި ކޮމިޝަނުން ތަކެތި ފޮނުވަން ފަށައިފި އެވެ.
މިހާތަނަށް އިންޑިއާގެ10 މީހަކު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ. އެ އެންމެންވެސް ޕޮސިޓިވް ވެފައިވަނީ މާލެއިންނެވެ.
މިއަދު ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އެމީހުންނަށް ބޭނުންވާ ހާއްސަ ޕެކޭޖުތަކެއް ފޮނުވަމުންދާ ގޮތަށެވެ. އެގޮތުން މިހާތަނަށް ހަ ފަރާތަކަށް އެ ތަކެތި ހަވާލުކޮށްފައިވާ ކަމަށެވެ.
އިންޑިއާ ހައިކޮމިޝަނުން މީޑިއާގައި ބުނެފައިވަނީ މި ތަކެތި ފޮނުވަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ހިތްވަރު ދިނުމަށެވެ. އަދި އެ މީހުންނަށް އިންޑިއާގެ ސަރުކާރުގެ އެއްބާރުލުން އޮތް ކަން އަންގައި ދިނުމަށް ކަމަށެވެ.
ޕޮސިޓިވްވި އިންޑިއާ މީހުންނަށް ފޮނުވި ތަކެތީގެ ތެރޭގައި ހިމެނެނީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެއްޗާއި ތަފާތު ވައްތަރުގެ ލުއި ކާނާ އެވެ.
މިހާތަނަށް ރާއްޖެއިން177 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު ޕޮސިޓިވްވި ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައި އެވެ. މިހާތަނަށް ޕޮސިޓިވްވެފައިވަނީ ބަންގަލަދޭޝްގެ 75 މީހަކާއި އިންޑިއާގެ 10 މީހަކާއި ސްރީ ލަންކާގެ ދެ މީހަކާއި އިޓަލީގެ 11 މީހަކާއި އިނގިރޭސި ވިލާތުގެ އެކަކާއި ޖަރުމަނުގެ އެކަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް