ކުރެއްދޫ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓުކޮށް ނިންމައިފި

ރާއްޖެއިން ކޯވިޑް-19ގެ ކޭސްތައް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓު ކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސ...

26 Apr 2020 | 10:45

ރާއްޖެއިން ކޯވިޑް-19ގެ ކޭސްތައް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓު ކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ކުރެއްދޫގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ޓޫރިސްޓެއްގެ ފަރާތުން އެ ރިސޯޓުގެ ފަސް ބިދޭސީ މުވައްޒަފަކަށް ކޯވިޑް ޖެހުނެވެ. މިކަމާ ގުޅިގެން އެރަށް ކަރަންޓީން ކުރި ގޮތަށް ފަހުން އެޗްޕީއޭއިން ނިންމާފައިވަނީ ހުރިހާ ގެސްޓުން ރިސޯޓުން ފުރާތާ14 ދުވަހުގެ ކަރަންޓީން މުއްދަތު މުވައްޒަފުން ފުރިހަމަ ކުރުމުން ހުރިހާ މުވައްޒަފުން ކޯވިޑަށް ޓެސްޓު ކުރުމަށް ފަހު ނޫނީ ރިސޯޓުން ނުފޭނެ ކަމަށެވެ.

އެޗްޕީއޭގެ ޓީމަކުން ގޮސް އެ ރިސޯޓުގެ ހުރިހާ މުވައްޒަފުންގެ ސާމްޕަލް ނަގައި މާލެ ގެނައި އެވެ. އޭގެ ތެރެއިން ބައެއް ސާމްޕަލް ޓެސްޓު ކުރިތަނާ މާލޭގައި އާންމުންގެ މެދުގައި ބަލި ފެތުރެން ފެށުމުން ކުރެއްދޫ މުވައްޒަފުންގެ ސާމްޕަލްތައް ޓެސްޓު ކުރުން އޮތީ މަޑު ޖެހިފައި އެވެ.

ސާމްޕަލްތައް ޓެސްޓު ކުރުން މަޑުޖައްސާލަން ޖެހުނީ ރާއްޖޭގައި ކޯވިޑަށް އޭރު ޓެސްޓު ކުރަމުންދިޔައީ އެންމެ މެޝިނަކުން ކަމަށްވާތީ އެވެ. އެއީ އައިޖީއެމްއެޗުގެ ލެބޯޓަރީގައި ހުންނަ މެޝިން އެވެ.

މިހާރު ކޯވިޑްގެ ގިނަ ކޭސްތަކެއް ފެންނަން ފެށުމުން ސަރުކާރުން ވަނީ ފުލުހުންގެ ފޮރެންސިލް ލްބޯޓަރީގައި ހުންނަ ޕީސީއާރު މެޝިން ކޮވިޑަށް ޓެސްޓު ކުރަން ބޭނުން ކުރަން ފަށާފައި އެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސްިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ފުލުހުންގެ ޕީސީއާރު މެޝިނުން އެންމެ ފުރަތަމަ ކޯވިޑަށް ޓެސްޓު ކުރީ ކުރެއްދޫ މުވައްޒަފުންގެ ސާމްޕަލްތައް ކަމަށެވެ. އޭނާ ވިދާޅުވީ ކުރެއްދޫގެ 174 ސާމްޕަލްއެއް ފުލުހުން ޓެސްޓު ކުރި ކަމަށެވެ.

އެ ޓެސްޓު ތަކުގެ ނަތީޖާ މިރޭ8:30 ގެ ކުރިން އެޗްޕީއޭއަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ އައިޖީއެމްއެޗުންވެސް ކުރެއްދޫގެ ބައެއް މުވައްޒަފުންގެ ސާމްޕަލްތަކެއް ޓެސްޓުކޮށް ނިމިފައިވާ ކަމަށެވެ. އެކަމަކު އެއްވެސް ނަތީޖާއެއް ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގަ ކުރެއްދޫ މުވައްޒަފުން ތިބީީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި އެވެ. އެއީ ކަރަންޓީންގައި އެ މުވައްޒަފުން ތިބޭތާ50 ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާތީ އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މީގެ ކުރިން ވިދާޅުވީ ކުރެއްދޫ ސާމްޕަލްތައް ޓެސްޓު ކުރުމަށް ވުރެ މިވަގުތު އިސްކަން ދެވެން އޮތީ މުޅި ރާއްޖެއަށް ބަލި ފެތުރުނަ ނުދިނުމަށް މާލެއިން ބަލި ކޮންޓްރޯލް ކުރަން ކަމަށެވެ.

ކުރެއްދޫ ރިސޯޓުގައި500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް