ފުލުހުންގެ ޑީއެންއޭ ލެބްގައިވެސް މިހާރު ކޯވިޑް-19 އަށް ޓެސްޓް ކުރަމުން އަންނައިރު ފުލް ކެޕޭސިޓީގައި ދުވާލަކަށް 190 ޓެސްޓްކިޓްގެ ނަތީޖާ ނެރެވޭނެ ކަން ފުލުހުން ހާމަކޮށްފިއެވެ.
މިއަދު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ދުވަހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިހާރު އެ ލެބްގެ 15 މެމްބަރަކު، ކޯވިޑް19ގެ ޓެސްޓް ތައް ހެދުމުގެ ތަމްރީނު ލިބިގަންނަމުން އަންނަ ކަމަށެވެ. އެ ތަމްރީނު ނިމި 24 ގަޑިއިރު ލެބްގެ މަސައްކަތް ކުރަން ފެށުމުން 24 ގަޑިއިރުގެ ތެރޭގައި 190އެއްހާ ނަތީޖާ އެޗްޕީއޭއާ ހަވާލުކުރެވޭނެ ކަމުގައި ނަވީން ވިދާޅުވިއެވެ.
ނަވީން އިތުރަށް ވިދާޅުވީ ފުލުހުންގެ ލެބްގައި ހުރި ޕީސީއާރު މެޝިނުން ޓެސްޓް ހެދުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާކަމަށާއި އެގޮތުން ކުރެއްދޫ ރިސޯޓްގެ މުވައްޒަފުންގެ ޓެސްޓް ކިޓްތައް ޓެސްޓްކޮށް މިހާރު ނިމިފައިވާކަމަށެވެ.
ފުލުހުންގެ ލެބްގައި ހުރި މި ޕީސީއާރު މެޝިން ފުލް ކެޕޭސިޓީގައި މަސައްކަތްކުރަން ފެށުމުން ޕޮޒިޓިވް ވާ މީހުންގެ އަދަދު ގިނަވުން އެކަށީގެންވެއެވެ. އެއީ ކުރިން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެފައިވާގޮތުގައި ކުރިން ޓެސްޓް ކުރެވެމުން ދިޔައީ އައިޖީއެމް ހޮސްޕިޓަލުގައި ހުރި މެޝިނުން އެކަންޏެވެ. އެ މެޝިންގެ ކެޕޭސިޓީއަކީ ދުވާލަކަށް 300 ޓެސްޓްކިޓް ކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އެހެންކަމުން ފުލުހުންގެ ލެބްގައި ހުރި ޕީސީއާރު މެޝިން ފުލް ކެޕޭސިޓީގައި ބޭނުން ކުރަން ފެށުމުން ދުވާލަކަށް ގާތްގަނޑަކަށް 500 އާއި ގާތްކުރާ އަދަދަކަށް ޓެސްޓް ޕްރޮސެސް ކުރެވޭނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް