ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އައި ދަތިކަން ކުޑަކުރުމަށް މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 4.4 ބިލިޔަން ރުފިޔާ އޯވަޑްރޯ ކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ދަރަނީގެ ގޮތުގައި 4.4 ބިލިޔަން ރުފިޔާ ދައުލަތަށް ހޯދުމުގެ ހުއްދަ ދިނުމަށް ސަރުކާރުން އެދިފައި އޮތީ އެ އަދަދު އެއް އަހަރު ދުވަހުގެ މުއްދަތަށް ފައިނޭންސް ކޯސްޓެއް ނުހިމެނޭ ގޮތަށް އޯވަޑްރޯ ކުރެވޭގޮތަށް ހަމަޖެއްސުމަށެވެ. ސަރުކާރުގެ މި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.
މި ހުށަހެޅުން ފާސްވެގެން ގޮސްފައިވަނީ މަޖިލީހުގެ ޖަލްސާގައި މިއަދު ބައިވެރިވި 60 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް ހަތް މެމްބަރަކު ވޯޓު ދެއްވިއެވެ.
މިކަމާއި ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތު ދެއްވަމުން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބްލޭންކް ޗެކެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި އެދިފައިނުވާނެ ކަމަށާއި ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަކީ އަބަދުވެސް ކުރާ ކަމެއް ކަމަށެވެ. އަދި މިހާރުވެސް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އެއީ ފައިސާ ޗާޕު ޖެހުން ނޫން ކަމަށެވެ. އަމީރު ވިދާޅުވީ މަޖިލީހުގައި އެދިފައިވާނީ ޕަބްލިކް އެކައުން އޯވަޑްރޯ ކުރާ މިންވަރު މިވަގުތަށް އިތުރު ކުރަން ކަމަށެވެ.
އެގޮތުން ވޭތުވެދިޔަ ތިން އަހަރުގެ އެވްރެޖް އާމްދަނީގެ އެއް ޕަސެންޓާ ހަމައަށް އޯވަޑްރޯ ކުރެވެން މިހާރު އޮންނައިރު އެއީ ގާތްގަނޑަކަށް 220 މިލިޔަން ރުފިޔާ ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގައި އެދުނީ އަދި ބޭނުންވަނީ ހަތަރު ބިލިޔަން ރުފިޔާއާއި ހަމައަށް އެ އަދަދު އިތުރުކުރަން ކަމުގައި އަމީރު ވިދާޅުވިއެވެ.
މިމޭރުމުން މިއަދު ވާހަކަފުޅު ދައްކަވަމުން އަމީރު އިތުރަށް ވިދާޅުވީ މިކަމުން އަރައިގަތުމަށްފަހު އަލުން އިގްތިސޯދެއް ހޯދަން އެބަޖެހޭ ކަމަށާއި އެހެންކަމުން މިހާރު ސިއްހީ ދާއިރާއަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށެވެ.
މިކަމުން އަރައިގަނެގެން ނޫނީ އިގްތިސޯދު ހަމައަކަށް ނޭޅޭނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ ބޭންކްތަކުގައިވެސް އޯޑީ ފެސިލިޓީ އެބަ އިތުރުކުރާކަން އަމީރު ފާހަގަކުރެއްވިއެވެ. އަދި އިތުރު ކުރެވޭ މި ބޭނުންކުރަނީ ކުރިއަށްދާ ހަރަކާތްތަކަށް ކަމުގައިވެސް އަމީރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް