ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަންޖެހޭ ހަރަދުތަކަށް އެއްބާރުލުން ދިނުމަށް ދައުލަތުގެ މުވައްޒަފުންގެ މުސާރަ 20،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ހަދަން ޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މި ހާލަތަކީ ހަމަ އެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫން ކަމަށާއި އެކަމަށް ކުރިމަތިލުމުގެ ގޮތުން ދައުލަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަ ކުރަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު ކުރިޔަށް ގެންދާ މަޝްރޫއުތަކާއި ސިޔާސީ ފަރާތްތަކާއި ފަނޑިޔާރުންގެ މުސާރަ ކުޑަކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ދައުލަތުގެ މުވައްޒަފުންގެ ތެރެއިން20،000 ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ ހުރިހާ ފަރާތްތަކުގެ މުސާރަ20،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ ގޮތެއް ހަދަން ޖެހޭ ކަމަށެވެ. އަދި ކުރީގެ ރައީސުންނަށް ލިބޭ އިނާޔަތް ނެންގުވުން މިދަނޑިވަޅު އިންސާނިއްޔަތު ކަމެއް ހުރި ނަމަ އެ ރައީސުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އުނިކޮށްގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން ދައުލަތުން ހުރިހާ ހަރަދެއް ބަލަހައްޓަވާއިރު ކުރިޔަށް އޮތް ހަ މަސްދުވަހު ރައީސުލްޖުމްހޫރިއްޔާވެސް މުސާރަ ނުނެންގެވުމަށް ގޮވާލެއްވި އެވެ.
މިފަދަ ދަނޑިވަޅެއްގައި ނުކޮށް ނުތިބެވޭނެ ކަންކަމުގެ ތެރޭގައި އޭނާ ފާހަގަ ކުރެއްވީ ކޯވިޑަށް ހަރަދު ކުރުމާއި ކަރަންޓީން ކުރާ މީހުންނާއި ޖަލުގައި ތިބި މީހުންނަށް ކާން ދިނުމާއި މުވައްޒަފުންނަށް މުސާރަ ދިނުމެވެ. ސަލީމް ވަނީ މި ހަރަދުތައް ފިޔަވާ ހުރިހާ ހަރަދެއް މިވަގުތަށް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
ސަލީމް ވިދާޅުވި ގޮތުގައި މި އަހަރުގެ ނިޔަލަށް ގިނަ ވިޔަފާރިތައް ފުނޑިގެން ދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އަދި މިހާރު ކަންތައްތައް މިގޮތަށް ހިނގަމުންދާ ނަމަ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްކޮށް ހަލާކުވެގެން ދާނެ ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް މިގޮތަށް ވާހަކަދެއްކެވީ ސަރުކާރުގެ ހިންގުން ހުއްޓުމެނެތި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންވާ 4.2 ބިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއަށް ދޫކުރުމާއި ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ކުރިޔަށް ގެންދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް