އެއް އަލާމާތްތަކެއް ފެންނަ ދެ ބައްޔަކަށް ދިވެހިން ސަމާލުކަން ދޭން ޖެހިފައިވާ ވަގުތެއް!

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާއި ދިމާކޮށް އިންފްލުއެންޒާ އާއި ޑެންގީ އަކީ ރާއްޖޭގައި އާންމުކޮށް ފެތުރޭ ބަލިތަކެކެވެ. ބަލީގެ ނުރައްކާތެރި ހާލަތަށް ބައެއް މީހުން ގޮސް ކޮންމެ އަހަރަކުވެސް ކޮންމެސް ވަރ...

26 Apr 2020 | 06:12

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމާއި ދިމާކޮށް އިންފްލުއެންޒާ އާއި ޑެންގީ އަކީ ރާއްޖޭގައި އާންމުކޮށް ފެތުރޭ ބަލިތަކެކެވެ.

ބަލީގެ ނުރައްކާތެރި ހާލަތަށް ބައެއް މީހުން ގޮސް ކޮންމެ އަހަރަކުވެސް ކޮންމެސް ވަރަކަށް ޑެންގީ އާއި އިންފްލުއެންޒާގައި މީހުން މަރުވެ އެވެ. އެހެންވެ ކޮންމެ އަހަރެއްގެވެސް ޖެނުއަރީން ފެށިގެން ޖުލައިގެ ނިޔަށް ހޮސްޕިޓަލްތަކާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އޮންނަނީ މިކަމަށް ތައްޔާރުވެގެންނެވެ.

މި ދެ ބަލި އެންމެ ބޮޑަށް ފެތުރެން ފަށާނީ މެއި މަހުން ފެށިގެން ޖުލައިގެ ނިޔަލަށެވެ. އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ޑެންގީ އާއި އިންފްލުއެންޒާ ޖެހިގެން ރިޕޯޓު ކުރާ މީހުންގެ އަދަދު އެހެން އަހަރުތަކާއި އަޅާ ބަލާއިރު މަދެވެ.

އޭގެ ބަދަލުގައި މިއަހަރު ކުރިމަތިލާން ޖެހިފައިވަނީ މިހާތަނަށް ދުނިޔެދުށް އެންމެ ބޮޑު ބަލި މަޑުކަމާއި އެވެ. ކޮރޯނާ ވައިރަސްގެ ނުރައްކާތެރި އާ ވައިރަސް ކަމަށްވާ ކޯވިޑް-19 އާއި ގުޅިގެން މުޅި ދުނިޔެ އަދި މިހާރު ރާއްޖެ ވަނީ ހާސްކަމުގެ ތެރެއަށް ވައްޓާލާފައި އެވެ.

އާންމުންގެ މެދުގައި ނުރައްކާތެރި ކޯވިޑް-19 ފެތުރެމުންދާއިރު މިހާތަނަށް177 މީހަކު ބަލި ޖެހިފައިވެ އެވެ. އަދި ކުރިޔަށް އޮތްތާ މި އަދަދު ދާނީ އިތުރު ވަމުން ކަމަށް އެޗްޕީއޭއިން ލަފާ ކުރެ އެވެ.

މި ބައްޔާއި އެކު އިތުރު ކަމަކަށް ދިވެހިން މިވަނީ ސަމާލުކަން ދޭން ފަށަން ޖެހިފައި އެވެ. މިއަހަރުގެ ވިއްސާރަ މޫސުން ފެށިފައިވާއިރު ޑެންގީ އާއި އިންފްލުއެންޒާ ފެތުރެން ފަށާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ބުނެ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި އެވެ.

މި ބަލިތަކުގައި އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަކީ ބަލީގެ އަލާމާތްތަކަކީ ކޮން ބައްޔެއްގެ އަލަމާތެއް ކަން ނޭނގޭތީ އެވެ. ކޯވިޑް-19، އިންފްލުއެންޒާ އަދި ޑެންގީ ޖެހުމުން ހުން އައިސް ރޯގާ ޖެހި، ކެއްސާ އަދި ކިނބިހި އެޅެވެ.

ކޯވިޑް-19 ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ހެޑް ޑރ. އަލީ ލަތީފު ވިދާޅުވީ މި ބަލިތަކުގެ އަލާމާތްތަކަކީ ގާތްގަނޑަކަށް އެއް އަލަމާތްތަކެއް ކަމަށެވެ. އެމީހަކަށް ޖެހިފައިވަނީ އޭގެތެރެއިން ކޮން ބައްޔެއް ދެނެގަނެވޭނީ ހަމައެކަނި ޓެސްޓު ހަދައިގެން ކަމަށެވެ.

އެހެންވެ އޭނާ ވަނީ މި ދުވަސްވަރު ހުން އައިސް ރޯގާ ޖެހުންފަދަ ކުޑަ ކަމެއް ވިޔަސް އެއީ އާދައިގެ ކަމެއް ކަމަށް ނުދެކި ވީހާވެސް އަވަހަށް އެކަން އެޗްޕީއޭއަށް އެންގުމަށް އެދިވަޑައިގެންފަ އެވެ.

މިއަހަރުގެ މިހާތަނަށް ޑެންގީގެ ފަދަބަލިތަކުގެ ބިރު ބޮޑުވެފަ ނުވިނަމަވެސް ޑެންގީ ފެތުރެން ފަށައިފި ނަމަ ބަލިމަޑުކަމުގެ މި ދުވަސްވަރު އިތުރު ބިރުވެރިކަމަކާއި ކުރިމަތިވާނެ އެވެ. ޑެންގީ ފަދަ ބަލިތަކަކީ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކަށް ވާއިރު ރަށު ފެންވަރުގައިއާއި ފަރުދީ ގޮތުން މަދިރިއުފެދޭ ތަންތަން ނައްތާލަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް