އެޕޮއިންޓްމެންޓު ހައްދައިގެން ގައުމީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ދޭން ފަށަން ދަމަނަވެށިން ތައްޔާރު ވެއްޖެ އެވެ.
ކޯވިޑް-19 ގެ ކޭސްއެއް ފެނުމާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމުން އެތަނުން ދެމުންދިޔަ ވެކްސިން ޖަހައިދިނުމުގެ ހިދުމަތްތައް އޮތީ ވަގުތީ ގޮތުން ހުއްޓާލާފައި އެވެ. އެޗްޕީއޭއިން ބުނީ މިފަދަ ނުރައްކާތެރި ހާލަތެއްގައި މާލެ އޮއްވަ ކުދިން ގޮވައިގެން ބޭރަށް ނުކުތުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.
އެކަމަކު އެ ނިންމުން ބަދަލުކޮށް އަންނަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ކުޑަކުދިންނަށް ވެކްސިން ޖަހައި ދިނުމާއި، އިންފްލުއެންޒާ އަދި40 އަހަރުން ދަށުގެ މީހުންނަށް އެމްއާރު ވެކްސިން ޖަހައިދޭން ފަށަން ވަނީ ނިންމާފަ އެވެ. އަދި ފަސް އަހަރުން ދަށުގެ ކުދިންނަށް ފަނީ ބޭސް އަދި ވިޓަމިން އޭ ބެލެނިވެރިއަކު ދިޔުމުން ދޫކުރާނެ ކަމަށް ބުނެ އެވެ.
ވެކްސިން ޖަހައި، ބޭސް ހޯދަން ދާން އެޕޮއިންޓްމެންޓު ހައްދަން ގުޅަން ޖެހެނީ3322403 ނަމްބަރަށެވެ. އެ ނަމްބަރަށް ގުޅަން ޖެހެނީ ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ކޮންމެ ދުވަހެއްގެ ހެނދުނު10:00 ން މެންދުރު1:00 އަށެވެ.
އެޕޮއިންޓްމެންޓް ހައްދަން ގުޅާއިރު ދޭން ޖެހޭ މައުލޫމާތު:
ކުއްޖާގެ ނަން (އަދި ނަން ނުކިޔާ ނަމަ މަންމަގެ ނަން)
ކުއްޖާގެ އުފަން ތާރީހު
އެންމެ ފަހުން ވެކްސިން ޖެހި ތާރީހު، ޖެހި ވެކްސިންގެ ނަން
ކުއްޖާ މިވަގުތު ދިރިއުޅޭ އެޑްރެސް
ކުއްޖާ މިވަގުތު ދިރިއުޅޭ ގެއަކީ މޮނިޓަރިންގެ ހާލަތުގައި ހުރި ގެއެއްތޯ ނުވަތަ ނޫންތޯ
ދަމަނަވެށިން ބުނީ ހިދުމަތް ހޯދަން ދާއިރު ކުދިންގެ އައިޑީކާޑާއި ކިރާ ފޮތް ގެންދަން ހަނދާން ކޮށްދޭ ކަމަށެވެ. އަދި މިވަގުތު އެ ތަނުން ފޯރުކޮށްދޭ އިތުރު އެއްވެސް ހިދުމަތެއް ފޯރު ނުކޮށްދޭނެ ކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް