ކޯވިޑް-19 ގައި މިހާތަނަށް ރާއްޖެއިން 177 މީހަކު ޕޮޒިޓިވް ވެފައިވާއިރު ޕޮޒިޓިވް ވި ދިވެހިންނަށްވުރެ ޕޮޒިޓިވްވި ބިދޭސީންގެ އަދަދު އިތުރުވެއްޖެއެވެ. މި ބަދަލު އައިސްފައިމިވަނީ މިރޭ އެއް ވަގުތެއްގައި އިއުލާނުކުރި 36 ކޭސްއާއި އެކުގައެވެ.
މިހާރު ތަފާސް ހިސާބުތަކުން ދައްކާގޮތުން ނަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން 75 މީހުންނަކީ ދިވެހިންނެވެ. އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ އަދަދަކީވެސް 75އެކެވެ. މީގެ އިތުރުން އިޓަލީއަށް ނިސްބަތްވާ 11 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ނުވަ މީހަކާއި ލަންކާއަށް ނިސްބަތްވާ ދެމީހަކާއި އިނގިރޭސިއަކާއި ޖަރުމަނަށް ނިސްބަތްވާ މީހަކާއި ތުރުކީ އަދި ސައުތު އެފްރިކާއަށް ނިސްބަތްވާ މީހަކު ހިމެނޭއިރު ޕޮޒިޓިވްވެފައިވާ ބިދޭސީންގެ ޖުމްލަ އަދަދަކީ 102އެކެވެ.
މިރޭ އިއުލާނުކުރި 36 ކޭސްގެ ތެރޭގައި ހިމެނެނީ ހަ ދިވެއްސަކާއި ބަންގްލަދޭޝް އަށް ނިސްބަތްވާ 29 މީހަކާއި އިންޑިއާގެ ރައްޔިތެކެވެ. މީގެ ތެރެއިން ދިވެހިން ފިޔަވާ ދެން ތިބި އެންމެން ދެނެގަނެވުނީ ނުރައްކާތެރިކަން ބޮޑުކަމަށް ބެލެވޭ ތިން ގެއަކުންކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. މީގެ ކުރިންވެސް އެފަދަ ގެއަކުން އެއް ފަހަރާ 13 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް