ރާއްޖޭގައި ނުދެވި ތާށިވެފައި ތިބި ތިން ގައުމެއްގެ ރައްޔިތުން ފުރައިފި

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ތިން ގައުމެއްގެ ބަޔަކު ފުރައިފި އެވެ. އިމިގްރޭޝ...

25 Apr 2020 | 23:11

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއާއި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތައް ހުއްޓާލުމާއި ގުޅިގެން ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ތިން ގައުމެއްގެ ބަޔަކު ފުރައިފި އެވެ.

އިމިގްރޭޝަނުން ބުނީ އެމީހުންގެ ތެރޭގައި ހިމެނެނީ ފިލިޕިންސް އާއި، އިންޑޮނީޝިއާ އަދި އިޓަލީ ރައްޔިތުން ކަމަށެވެ. އެ މީހުން ފުރާފައިވަނީ އެ ގައުމުތަކުން ފޮނުވި ޗާޓާޑް ފްލައިޓުތަކުގައި އެވެ.

އިމިގްރޭޝަނުން ބުނީ އެ ފްލައިޓުތަކުގައި701 މީހަކު ފުރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅުނު މީހުން ކަމަށް މައުލޫމާތުދެ އެވެ.

މި ފްލައިޓުތައް ބާއްވާފައިވަނީ މި މަހުގެ24 އަދި25 ވަނަ ދުވަހު އެވެ.

މިމަހުގެ ތެރޭގައި ބަންގްލަދޭޝް ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުންގެ ތެރެއިން86 މީހަކު އަނބުރާ ރާއްޖެ ގެންގޮސްފައި އެވެ. އެ އެންމެންނަކީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ މީހުންނެވެ.

މީގެ އިތުރުން ރާއްޖޭން އޮންއެރައިވަލް ވިސާ ދޫކުރުން ހުއްޓާލާ ވައިގެ މަގު ބަންދު ކުރުމާއި އެކު ތާށިވެފައި ތިބި އެކި ގައުމުތަކުގެ ޓޫރިސްޓުން ގެންދިއުމުގެ މަސައްކަތްވެސް އެ ގައުމުތަކުން ދަނީ ކުރަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ފްލައިޓެއް ޗާޓާކޮށް މިމަހުގެ ތެރޭގައި ވަނީ މޮރިޝަސް އާއި ސައުތް އެފްރިކާ ރައްޔިތުން އެ ގައުމުތަކަށް ގެންގޮސްދީފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް