ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުން ރާއްޖެ ގެންނަން ދައުލަތުގެ ބަޖެޓުން ހަތަރު މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
އެ ސެންޓަރުން މައުލޫމާތު ދޭގޮތުގައި މި ކުދިން ރާއްޖެ އައިސް ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށް ފަހު އައިޖީއެމްއެޗުގެ ޓީމާއި އެކު ހިލޭ ސާބަހަށް މަސައްކަތް ކުރަން ފަށާނެ އެވެ. މިހާރުވެސް އޭގެ ތެރެއިން ގިނަ ކުދިން ވަނީ އެ ޓީމާއި ގުޅިގެން މަސައްކަތް ކުރަން ފަށާފައި ކަމަށް އެންއީއޯސީން ބުނެ އެވެ.
ބޭރުގައި ސިއްހީ ދާއިރާއިން މަތީތައުލީމް ހާސިލް ކުރަމުންދިޔަ ކުދިންގެ ތެރެއިން ރާއްޖެ ގެނެސްފައިވަނީ ފިލިޕިންސް އާއި ނޭޕާލް އަދި ޕާކިސްތާނުގައި ކިޔަވަމުންދިޔަ ދަރިވަރުންނެވެ. އޭގެ ތެރެއިން ފިލިޕިންސް އިން63 ކުދިން، ނޭޕާލުން99 ކުދިން އަދި ޕާކިސްތާނުން ހަ ކުދިން ގެނެސްފައިވެެ އެވެ.
މި ކުދިންގެ ތެރޭގައި މިހާރުވެސް އައިޖީއެމްއެޗުގެ މުވައްޒަފުން ހިމެނެ އެވެ.
މި ކުދިން ގެންނަން ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްފައިވަނީ ކޯވިޑް-19 އިތުރަށް ފުޅާވެ ނުރައްކާތެރި ހާލަތަކަށް ގޮސްފި ނަމަ ފަރުވާ ދޭނެ ސިއްހީ ދާއިރާގެ ފަންނީ މީހުން ރާއްޖޭގައި މަދު ކަމުންނެވެ. މި ކުދިން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ރިސޯޓުތަކުގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި މީހުންނަށް ފަރުވާ ދިނުމަށެވެ.
މިހާތަނަށް ރާއްޖެއިން141 މީހަކު ކޯވިޑަށް ޕޮސިޓިވް ވެފައިވާއިރު އެޗްޕީއޭއިން ބުނީ މިހާރުވެސް ފަރުވާދޭން އެކަށީގެންވާ ވަރަށް ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުން މަދު ކަމަށެވެ. އެއީ ރާއްޖޭގެ ސިއްހީ ދާއިރާ މަސައްކަތް ކުރަނީ ވަރަށް މަދު ފަންނީ ބޭފުޅުންނަށް ވާތީ މިހާރު ތިބި މީހުންގެ ތެރެއިން ކޯވިޑަށް ހާއްސަ ކުރެވެން އޮތީ55 ޕަސެންޓު މުވައްޒަފުންނަށް ވާތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް