2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު ކޮރޯނާ ވައިރަސްގެ އާ ވައްތަރެއްކަމުގައިވާ ކޯވިޑް-19 ގެ ބަލިމަޑުކަން މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، އެ ބަލީގައި މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު 2 ލައްކަ ފަހަނައަޅައިފިއެވެ.
ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ މިއަދުގެ ހިސާބުތައް ދައްކާގޮތުން، މިއަދު މިހާތަނަށް ވަނީ 200697 މީހުން މަރުވެފައެވެ. އަނެއްކޮޅުން، ކޯވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު މިހާރު އުޅެނީ 3 މިލިޔަނާ ގާތުގައެވެ.
ކޯވިޑް-19 ގެ ބިރުވެރިކަމާއެކު ގިނަ ގައުމުތައް ހުއްޓުމަކަށް އަހިސް، އެތައް ބަޔަކު މަރުވަމުން އަންނައިރު ޑަބްލިޔުއެޗްއޯ އިން މިއަދު ވަނީ ދުނިޔެއަށް ބިރުހުރި އިތުރު އިންޒާރެއްދީ، ސަމާލުވާން އެދިފައެވެ. ކޯވިޑް-19 ޖެހުމަށްފަހު ރަނގަޅުވެފައިވާ މީހުންނަށް އަލުން ވައިރަސް ނުޖެހޭކަމަށް މިހާތަނަށް ހޯދިފައި ނެތްކަމަށާއި، އެހެންކަމުން ގައުމުތަކުން، ކޯވިޑް-19 ޖެހުމަށްފަހު ރަނގަޅުވާ މީހުންނަށް އަލުން ނުޖެހޭނެކަމަށް ބަލާބެލުން ހުއްޓާލުމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ އިންޒާރުދީފައެވެ.
އަނެއްކޮޅުން، ކޯވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ގައުމުތަކުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، ބައެއް ގައުމުތަކުގައި އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވެސް އަންނަނީ ހުރަސްތައް ކުރިމަތިވަމުންނެވެ. މިގޮތުން ކޯވިޑް-19 އާ ގުޅިގެން ޖަރުމަނުގެ ބާލިން ލޮކްޑައުން ކޮށްފައި އޮތް އޮތުމާ ދެކޮޅަށް މިއަދު ވަނީ އެ ސިޓީގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކޮށްފައެވެ.
ކޯވިޑް-19 ގެ ނުރައްކާ ބޮޑުވެ، މުޅި ދުނިޔެއިން މަރުވި މީހުންގެ އަދަދު މިހާރު 2 ލައްކައަށް އަރާފައިވާ މިދަނޑިވަޅުގައި، ދިވެހިރާއްޖެއަށް ވެސް މި ބަލިމަޑުކަމުގެ ނުރައްކާ ބޮޑުވެ، ގިނަ އަދަދެއްގެ ބަޔަކު ފައްސިވަމުން އައި ނަމަވެސް، އަދި މިހާތަނަށް މި ބަލީގައި ދިވެހިރާއްޖެއިން މީހަކު މަރުވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް