N/A
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓުގެ އެފޯޑަބަލް ހައުސިންގ މަޝްރޫޢުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިރޭ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާއެވެ. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބާއި ބީއެމްއެލް އަދި އާރްސީސީގެ އިސްވެރިންނެވެ.
މި މަޝްރޫޢުގެ ދަށުން ވިލިމާލޭގެ ފެހިކަން ނުގެއްލޭނެހެން 17 ފަންގިފިލާގެ 3 ޓަވަރު ތަރައްޤީކުރާނެއެވެ. ތަރައްޤީކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން "ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ" މެދުވެރިކޮށް ހިންގާ މަޝްރޫޢެކެވެ. މިއީ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ "ލީސް-ޓު-އޯން" މޮޑެލްގައި ކުރިއަށްގެންދެވޭ މި މަޝްރޫޢުގެ ދަށުން ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި ޖުމްލަ 3260 ޔުނިޓް ތަރައްޤީކުރާނެއެވެ.
2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ތެރެއިން އެކި ފަންތީގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމާއި، ބޭންކިންގ ސެކްޓަރުގެ ބައިވެރިވުން އިތުރުކުރެއްވުމަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް