މިހާރު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިން އަނބުރާ ގައުމަށް ގެނައުމަށް އަމިއްލަ އެއާލައިން ކުންފުނިތަކަށް ޗާޓަރު ފްލައިޓުތައް ބާއްވަން ހުއްދަ ދިނުން ޓްރާންސްޕޯޓް އޮތޯރިޓީން މެދުކަނޑާލައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ބުނީ ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެންނާނީ ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން ކަމަށެވެ. އަދި ރާއްޖެ އަންނަ ހުރިހާ އެންމެން 14 ދުވަހަށް ކަރަންޓީން ކުރަން ނިންމާފައި ވާކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ޓްރާންސްޕޯޓު އޮތޯރިޓިން މިގޮތަށް ނިންމާފައި މިވަނީ ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓު އޭސް ޓްރެވަލްސް މޯލްޑިވްސްއިން ޗާޓާޑް ފްލައިޓުތަކެއް ބާއްވަން އުޅޭކަމަށް ބުނެފައިވަނިކޮށެވެ. އެ ކުންފުނިން މަސައްކަތް ކުރީ ދެ ގައުމުގެ ސަރުކާރާ ވާހަކަދައްކައިގެން މާދަމާ ނުވަތަ ހޮނހިރު ދުވަހު އެ ފައިޓު ބޭއްވޭތޯ އެވެ.
ކޯވިޑް-19 ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ހަލުވި ކަމާއެކު ފެތުރެމުން ދާތީ ރާއްޖެއިން ބޭރުގައި ތިބި ގިނަ ދިވެހިން ތިބީ އެނބުރި ގައުމަށް އަންނަން ބޭނުންވެފަ އެވެ. އެކަމަކު ގިނަ ވައިގެ ދަތުރުތައް ހުއްޓާލުމާ ގުޅިގެން އެމީހުންނަށް އާދެވޭނެ ގޮތެއް ނެތެވެ.
މުޅި ދުނިޔއެއަށް ބަލާލާއިރު ކޮވިޑް-19 އަށް 416,686 މީހަކު ޕޮޒިޓިވް ވެފައި ވެއިވާއިރު 18,589 މީހުން މި ބަލީގައި މަރުވެފައި ވެއެވެ. މިހާތަނަށް 197 ގައުމަކުން މި ބަލި ފެނިފައިވެއެވެ.
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް