މިއަދުން ފެށިގެން އައްޑޫ ސިޓީގެ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ސައި ހޮޓާތަކާއި، ކެފޭ ފަދަ ތަންތަން ރޭގަނޑު ނުހުޅުވާ ގޮތަށް ނިންމި ވާހަކަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދޮގުކޮށްފިއެވެ.
އައްޑޫގެ ފިހާރަތަކާއި، ރެސްޓޯރެންޓްތަކާއި، ސައި ހޮޓާތަކާއި، ކެފޭ ފަދަ ތަންތަން ވެސް މިއަދުން ހަވީރު 6:00 އިން ފެށިގެން ބަންދު ކުރުމަށް ސިޓީކައުންސިލުން ވަނީ އަންގަވައިފައެވެ. އެފަދަ ތަންތަން ހުޅުވޭނީ ހަމައެކަނި ހެނދުނު 6:00 އިން ފެށިގެން ހަވީރު 6:00 އަށް ކަމަށާއި، މި ގަޑިތަކުގައި ނޫން ވަގުތުގައި ހުޅުވޭނީ ހަމައެކަނި ސިއްހީ ޚިދުމަތް ދޭ ތަންތަނާއި ބޭސް ފިހާރަތައް ކަމަށް ވިދާޅުވެ އައްޑޫ ސިޓީކައުންސިލުން އިއްޔެ ވަނީ އިއުލާނެއް ނެރެފައެވެ.
އެ ވާހަކަތަށް ދޮގުކޮށް އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ގްރެއިޓަރ މާލޭ ރީޖަން ނޫން އެއްވެސް ސަރަހައްދެއްގައި ހިންގާ ކެފޭ/ހޮޓާ/ރެސްޓޯރެންޓްތަކުގެ ޚިދުމަތްތައް ދިނުން ހުއްޓައިލާން އެއްވެސް ސިފައެއްގައި މި އިދާރާއިން އަންގާފައެއް ނުވާނެކަމަށެވެ. އަދި، އެއްވެސް ސަރަހައްދެއްގައި ވިޔަފާރި ކުރާ ގަޑިތަކަށް ބަދަލުގެންނާން އެއްވެސް ލޯކަލް ކައުންސިލަކަށް އަންގާ، ނުވަތަ އިރުޝާދު ދީފައެއްވެސް ނުވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެކި ސަރަހައްދުތަކުގައި ޤާއިމުކޮށްފައިވާ ޞިއްޙަތާއިބެހޭ ޓާސްކްފޯސްތަކުން، އެޗްޕީއޭ ގެ އެންގުންތަކާއި އިރުޝާދުތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ސަރުކާރު އޮފީސްތަކާއި ކިޔަވައިދޭ ތަންތަން ބަންދުކޮށް ރިސޯޓްތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކޮށް އަދި ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި މާލެ ސަރަހައްދުގައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ތިބެން ކެއިންބުއިން މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް