ކޮރޯނާ ވައިރަސް އާއި ގުޅިގެން މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ޒިޔާރަތުގައި ފަރުކޮޅުފުށީ އައިސޮލޭޝަން ސެންޓަރާއި ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ސަރަހައްދުގައި ހަދަމުންދާ އައިސޮލޭޝަން ފެސިލިޓީ އަށް ޒިޔާރަތް ކުރެއްވި އެވެ.
އއ. ވެލިދޫ އައިލެންޑް ރިސޯޓުގައިވެސް އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކޮށްފައިވެ އެވެ. ބައްޔަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ފަރުވާދެމުންދާ މީހުން ތިބީ އެ ރިސޯޓުގައި އެވެ.
އެ ރަށަށް އެމީހުން ބަދަލު ކުރީ ފަރުކޮޅުފުށީ އައިސޮލޭޝަން ސެންޓަރު މަރާމާތު ކުރުމަށެވެ. އޭގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައި އެވެ. އެތަން މިހާރު ބޭނުން ކުރަމުންދަނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އެވެ.
އަތޮޅު ތެރޭގެ އިތުރުން ރިސޯޓުތަކާއި އެކު ޖުމްލަ1،000 އަށްވުރެ ގިނަ ޖާގައިގެ ކަރަންޓީން ފެސިލިޓީތައް ރާއްޖޭގައި ވަނީ ގާއިމްކޮށްފައި އެވެ. އޭގެ ތެރެއިން ކަރަންޓީން ފެސިލިޓީތަކުގައި މިވަގުތު ތިބީ737 މީހުންނެވެ.
މީގެ އިތުރުން ސަރުކާރުން ދަނީ ކޮރޯނާ ވައިރަސްގެ އެންމެ ނުރައްކާތެރި ހާލަތު އަތުވެދާނެ ކަމަށް ތައްޔާރުވުމުގެ ގޮތުން200 މީހުންގެ ޖާގައިގެ އައިސީޔޫއެއް މާލެ ސަރަހައްދުގައި ތައްޔާރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް