ރާއްޖެއަށް އައި ސްކައި ސްޓާ އެންޑް ޑޭ ނަމަކަށް ކިޔާ ޔޮޓެއް ކަރަންޓީންކޮށްފި އެވެ.
ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ އެ ޔޮޓު ރާއްޖެ އަންނަން ދަތުރު ފަށާފައިވަނީ ރާއްޖެއިން ބޭރުން އަންނަ އެއްވެސް ޔޮޓު، ސަފާރީ އަދި ކްރޫޒް ލައިނާ އަކަށް ނުވަދެވޭނެ ކަމަށް އެޗްޕީއޭއިން އެންގުމުގެ ކުރިން ކަމަށެވެ. އެހެންވެ އެމީހުން ރާއްޖެ ސަރަހައްދަށް ވަންނަން ބޭނުންވެގެން އެ ދުމުން އެ ހުއްދަ ނުދެވޭނެ ކަމަށް އެންގި ކަމަށެވެ.
އެކަމަކު އަނބުރާ ދާނެ ތެޔޮ ޔޮޓުގައި ނެތުމުން ތެޔޮ އެޅޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދުނު ކަމަށެވެ. އެކަމާ ގުޅިގެން ސަރުކާރުން ވާނީ ރާއްޖެ ސަރަހައްދަށް ވަދެފި ނަމަ14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް އަންގާފައި ކަމަށް މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނީ އެގޮތަށް އެއްބަސްވުމުން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ޔޮޓްގައި ތިބީ ދެމީހުންނެވެ.
އެކަމަކު ޔޮޮޓް އޮތް ސަރަހައްދެއް ހާމައެއް ނުކުރައްވައެވެ. އެކަމަކު ޔޮޓުގައި ތިބި މީހުންނަށް އެއްވެސް ރަށަކަށް ފޭބުމުގެ ހުއްދައެއް ނޯންނާނެ އެވެ.
ކުރިން ރޭވިގެން ރާއްޖެެ ހިމެނޭ ސަރަހައްދުގައި ދިރާސާއެއް ކުރާ ބައެއްގެ ބޯޓެއްވެސް އަތޮޅު ތެރޭގައި ދަތުރު ކުރަމުންދާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެކަމަކު އެ ބޯޓުން އެއްވެސް މީހަކު މީހުން ދިރިއުޅޭ ރަށަކަށް އެރުން ވާނީ ސަރުކާރުން މަނާކޮށްފައި ކަމަށް ވިދާޅުވި އެވެ.
އަދި އެމީހުން ދަތުރު ކުރަމުންދާ ގޮތް ފުލުހުން ދަނީ މޮނިޓާ ކުރަމުން ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ރާއްޖެ އާއި ފްރާންސް ގުޅިގެން ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތް ތަމްރީންތަކެއްގައި ބައިވެރިވުމަށް އެ ގައުމުގެ ސިފައިންގެ ދެ ހެލިކޮޕްޓަރެއް ރާއްޖެ އައި ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެމީހުންވެސް ދަތުރު ފަށާފައިވަނީ މީގެ30 ދުވަސް ކުރިން ކަމަށާއި އެހެންވެ އަނބުރާ ފޮނުވާލީ ކާބޯތަކެއްޗާއި ތެޔޮ އެޅުމަށް ފަހު ކަމަށެވެ. އޭގެން އެއްވެސް މީހަކު ނުފައިބަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް