ހދ. ހޮނޑާފުށި އައިލެންޑް ރިސޯޓުގައި ހުރި އަމިއްލަ ތަކެތި ބަލާ ރިސޯޓުގެ މެނޭޖްމެންޓުގެ ހުއްދަ ނެތި އެ ރިސޯޓަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން މީހުން ދިރިއުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން މަނާކޮށްފައި ވަނިކޮށް އެ ރިސޯޓަށް އެރުމުން ކަމަށެވެ. މިކަން ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ އެއްޗެހި ހިފައިގެން އެނބުރި ހދ. ހަނިމާދޫއަށް ދިއުމުން ކަމަށެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެއީ އުމުރުން22 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފުވެގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިން ހައްޔަރުކުރަން ޖެހުން ދަނީ އިތުރުވަމުންނެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހަލަތު އިއުލާނުކޮށްފައިވާ މިދަނޑިވަޅުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމާއި ހިލާފުވާ ފަރާތްތަކުގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.
މީހުން ދިރިއުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނާނީ މިހާރު ރިސޯޓުތަކުގައި ތިބި ޓޫރިސްޓުންގެ ތެރެއިން އެންމެ ފަހު ޓޫރިސްޓު ފުރާތާ14 ދުވަސް ފަހުންނެވެ. އޭގެ ފަހުން ރިސޯޓުތަކުގައި ތިބި މުވައްޒަފުންނަށް ރަށްރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް