ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައިފަވާ ކޯވިޑް-19 އާއި ގުޅިގެން ކުޑަކުދިންގެ ގިނަ ސުވާލުތަކެއް ހުރެ އެވެ.
މައިން ބަފައިން އަބަދު އަތް ދޮންނަން ބުނަނީ ކީއްވެހޭ އަހައެވެ. ޓީވީތަކުން އަތް ދޮންނަންވީ ގޮތް ބުނެ ދެނީ ކީއްވެހޭ އަހައެވެ. ކޯވިޑް-19 އާއި ގުޅިގެން ސްކޫލް ބަންދު ކުރީ ކީއްވެހޭ އަހައެވެ.
މި ނުރައްކާތެރި ވައިރަހާ ގުޅޭ މައުލޫމާތު އެ ކުއްޖެއްގެ އުމުރާއި ގުޅޭގޮތަށް ދީފައި ހުރުމަކީ ކުދިން އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން މަސައްކަތް ކުރާތަން ފެންނާނެ ކަމެކެވެ. ކޯވިޑް-19 އާއި ގުޅޭގޮތުން ކުދިންނަށް އެނގޭގޮތަށް ވަރަށް ފަސޭހައިން މައުލޫމާތު ދެވިދާނެ އެވެ.
ފުރަތަމަ ކޮރޯނާ ވައިރަހަކީ ކޮންއެއްޗެއްކަން ބުނެދޭށެވެ. އެއީ އެކި ވައްތަރުގެ ދޫންޏާއި މަންމަލި ޖަނަވާރުން ފެންނަ ވައިރަހެކެވެ. އަދި މިހާރު ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަހަށް ކޯވިޑް-19 ގެ ނަން ދެވުނީ އެ ވައިރަސް2019 ވަނަ އަހަރު ފެނުމުންނެވެ.
ކޯވިޑް-19 މީހަކަށް ޖެހުމުގެ ކުރިން ވާނެ ގޮތްތައް ބުނެދޭށެވެ. މީހަކު ބަލިވުމުން ކެއްސާ ކިނބިހި އަޅާނެ އެވެ. ކެއްސާއިރު ނުވަތަ ކިނބި އަޅާއިރު ނުކުންނަ އަރިދަފުހުންް ނުވަތަ ބުރައިގެންދާ ތިކިތަކުގައި ވައިރަސް ހަރުލާ ހުންނާނެ އެވެ.
އެ ތިކިތައް ގޮސް އެހެން މީހެއްގެ މޫނާއި އަނގަ އަދި ލޮލުގައި ޖެހިއްޖެ ނަމަ އެ ވައިރަސް ވަރަށް ފަސޭހައިން ގަޔަށް ވަންނާނެ އެވެ. ނުވަތަ އެހެން މީހެއްގެ އަތުގައި ތިއްކެއް ޖެހުނަސް މޫނުގައި އަތް ހާކާލެވޭއިރަށް ވައިރަސް ގަޔަށް ވަންނާނެ އެވެ.
އެ ވައިރަސް މީހުން ބަލި ކޮށްލާގޮތް ކުދިންނަށް ބުނެދިނުން ވަރަށް މުހިންމެވެ. ވައިރަސް ހަށިގަނޑުގެ އެތެރެއަށް ގޮސް ތަތް ލަވާނީ ނޭވާލާ ހޮޅިއާއި ފުއްޕާމޭގައި އެވެ. ކޮރޯނާ ވައިރަސްގެ ވަށައިގެން ވަރަށް ތަތްކަން ގަދަ މޮލިކިއުލްސްތަކެއް ހުރެ އެވެ. އެ ތަތްކަން ވަރަށް ފަސޭހައިން ފުއްޕާމޭގެ ސެލްތަކުގައި ތަތްލަވަވެ އެވެ.
އޭގެ ފަހުގައި ފުއްޕާމޭގައި ހުންނަ އެމީހެއްގެ ސެލްއަކަށް ބަލި ޖައްސައެވެ. އަދި އެ ސެލް މުޅި ހަށިގަނޑަށް ކޮރޯނާ ވައިރަސް ޖައްސައެވެ.
މިހާރު ފެތުރެމުންދާ ކޯވިޑް-19 އަކީ ބަލިމަޑުކަމެއް ކަން ކަނޑައެޅިގޮތްވެސް ކުދިންނަށް ބުނެދޭށެވެ. މި ވައިރަހަކީ މީގެ ކުރިން މީހަކަށް ޖެހިފައިވާ ނުވަތަ ދުނިޔެއިން ފެނިފައިވާ ބައްޔެއް ނޫނެވެ. މީހާގެ މުޅި ހަށިގަނޑު އެ ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހޭއިރު އިންސާނާގެ ދިފާއީ ނިޒާމުގައި ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރެއް ނުހުރެ އެވެ.
އެ ބަލި މުޅި ދުނިޔެއަށް ފެތުރިގެން ދިޔަލެއް އަވަސް ކަމާއި ކޮންމެ މީހަކަށްވެސް ބަލި ޖެހުމުގެ ފުރުސަތު އޮތުމުން މި ބައްޔަކީ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައެޅި އެވެ.
އަމިއްލައަށް ބަލިން ރައްކާތެރިވާނެ ގޮތް:
ބަލި މީހުންނާއި ގާތް ގުޅުން ނުބާއްވާ (ސަލާމްކޮށް، ގިނަ އިރު އެއްތަނެއްގައި ވާހަކަ ދައްކަން ތިބުން)
ކެއްސާ ކިނބިހި އަޅާއިރު އަނގަ އާއި ނޭފަތް ޓިޝޫ އަކުން ނިވާ ކުރޭ
ނޭފަތާއި، ލޯ އަދި އަނގައިގަ އަތްލާ ނަހަދާ
އާންމުކޮށް ގެންގުޅޭ އެއްޗެހި ސާފުކޮށްް ޑިސްއިންފެކްޓު ކުރުން
ބަލި ނަމަ ހޮސްޕިޓަލަށް ދިއުމަށް ނޫނީ ގެއިން ނުނިކުމޭ
ގިނަ ގިނައިން 20 ސިކުންތު ވަންދެން އަތް ދޮންނަން އާދަ ކުރޭ
ބަލި ފެތުރޭއިރު ގޭގައި ހުރުން މުހިންމުވާ ސަބަބު ކުދިންނަށް ބުނެދޭށެވެ. އެއީ ބަލި ފެތުރެން ފަށައިފި ނަމަ އެއްފަހަރާ ގިނަ މީހުން ބަލިވުމުން ޑޮކްޓަރުންނަށް ފަރުވާދޭން އުނދަގޫވާނެތީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް