މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ނަމުގައި އުފައްދާފައިވާ ދައުލަތުގެ ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު އަންނާނެކަން ހާމަކޮށްފި އެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހެވެ.
ރައީސް ސޯލިހު ވިދާޅުވީ ޝިޕިން ކުންފުންޏެއް އުފައްދަނީ ރާއްޖޭގެ ޝިޕިން އިންޑަސްޓްރީ އަލުން ދިރުވުމުގެ ގޮތުން ކަމަށެވެ. މި ކުންފުންޏަށް ގެންނަ ފުރަތަމަ ކޮންޓެއިނާ ބޯޓު އަންނަ ހަފުތާގައި ރާއްޖެ ބަނދަރުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ކުންފުނި ހިންގުމަށް ނިންމާފައިވަނީ ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އެވެ. ރައީސް އެ ކުންފުނީގެ މަސައްކަތްތައް ފެށެން ކައިރިވެއްޖެކަން އިއުލާނު ކުރެއްވުމާއި އެކު އެސްޓީއޯއިން ވަނީ އެ ކުންފުނީގެ ދަށުން ހިންގާ އެމްއެސްއެސް ތައާރަފުކޮށް މި ކުންފުނިން ރާއްޖޭގެ ޝިޕިން އިންޑަސްޓްރީ އަލުން ދިރިގެންދާނެ ކަމަށް ބުނެފައި އެވެ.
https://twitter.com/stoplc/status/1242856896903725056
އަންނަ ހަފްތާގައި ރާއްޖެ ގެންނަ އެމްއެސްއެސްގެ ބޯޓު ފުރަތަމަ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު އެވެ. އެސްޓީއޯއިން މީގެ ކުރިން ބުނެފައިވަނީ ރާއްޖެއަކީ ގިނަ އަދަދެއްގެ މުދާ އިމްޕޯޓު ކުރާ ގައުމަކަށް ވުމުން ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށެވެ.
މި ކުންފުނި ހިންގަން ފެށުމުން ވެގެންދާނީ ދައުލަތުން ހިންގާ ދެވަނަ ޝިޕިން ކުންފުންޏަށެވެ. ދައުލަތުގެ ޝިޕިން ކުންފުންޏެއް 1960ގެ އަހަރުތަކުގެ ފަހުކޮޅުން ފެށިގެން 1980ގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް ހިންގި އެވެ.
އެ ކުންފުނި ހުއްޓާލި ސީދާ ސަބަބު ނޭނގޭއިރު ބައެއް ފަރާތްތަކުން ބުނަނީ ކޮރަޕްޝަނާއި ހެދި ކުންފުނި ބަނގުރޫޓުވީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ޝިޕިން އިންޑަސްޓްރީއަށް އައި ޒަމާނީ ބަދަލާާއި އެކު އެ އެ ކުންފުނީގެ ބޯޓުތައް ބޭނުން ކުރެވޭގޮތް ނުވީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް