ކޮރޯނާ ވައިރަސް އާއި ގުޅިގެން ވެއްޓިފައިވާ އަނދަވަޅުން އަރައިގަނެ ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އަޅުވަން ސަރުކާރުން ލޯނު ނަގަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިފަދަ ހާލަތެއްގައި އިގުތިސާދީ ގޮތުން މަސައްކަތް ކުރަން އޮންނަނީ ދެ ގޮތެއް ކަމަށެވެ. އެއް ގޮތަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހަރަދުކުޑަކޮށް ފައިސާ ހިފެހެއްޓުމެވެ. އަނެއް ގޮތަކީ ދަރަންޏަށް ފައިސާ ހޯދައިގެން ހަރަދުތައް ކުރަމުން ދިއުމެވެ.
ސަރުކާރުން ނިންމާފައިވަނީ ލޯނުނަގަންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ލޯނު ނަގައިގެން ލިބޭ ފައިސާ އިގްތިސޯދުގެ ތެރެއަަށް ޕަންޕް ކުރާށެވެ.
ރައީސް ވިދާޅުވީ މި މަސައްކަތަށް ލޯނު ހޯދަން އެދެން ނިންމާފައިވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ކަމަށެވެ. އަދި ބައެއް ގައުމުތަކާއިވެސް މަޝްވަރާ ކުރަމުންދާކަމަށް ވިދާޅުވި އެވެ.
އެކަމަކު އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްްއެފް) އިން ލޯނު ނުނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެތަނުން ލޯނަށް އެދުމުން ހަރަދު ކުޑަކުރުން އެއީ ޝަރުތަކަށް ހަދާނެ ކަމަށާއި އެންމެ ފުރަތަމަ އެދޭނީ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ކަމަށެވެ. އެގޮތަށް މިވަގުތު ސަރުކާރުން ކަންތައް ކުރަން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއިން ގިނަ ލޯނުތަކެއް ނަގާފައިވާތީ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން އެންމެ ބޮޑު އެއްޗެއް ލޯނުގެ ގޮތުގައި ދައްކަން ޖެހެނީ ޗައިނާއަށް ކަމަށް ވިދާޅުވި އެވެ.
އެކަމަށް ހައްލެއް ހޯދުމަށް ޗައިނާގެ ރައީސަށް ސިޓީފުޅެއް ފޮނުވައިފި ކަމަށާއި ދެގައުމުގެ ދެމެދުގައި މިއޮތް ގާތް ގުޅުމުގެ ސަބަބުން ލުއި ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ހާލަތުން ވަރަށް އަވަހަށް ސަލާމަތްވާނެ ކަމުގެ އުއްމީދު ރައީސް އާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ކޯވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމާ އެކު އަންނަ އިގުތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު ރާއްޖެ އަށް ކުރާނެ ކަމަށެވެ. އެހެންވެ، ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ކުރި އެރުމެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް