ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދުގެ ބޮޑުބައި ހިއްސާ ކުރާ ޓޫރިޒަމް ދާއިރާ ހުއްޓުނަސް ޑޮލަރުގެ އަގަށް ބަދަލު ނުގެނެސް އެއް ވަރެއްގައި ހިފެހެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ވިދާޅުވީ ދުނިޔެއަށް ދިމާވެގެން މިއުޅެނީ އިގްތިދޯސީ ކާރިސާއެއް ނޫން ކަމަށެވެ. އިގްތިސޯދީ ގޮތުން ދިމާވެގެން މިއުޅެނީ ގައުމުތަކަށް ދަތުރު ނުކުރެވުމުގެ މައްސަލައެއް ކަމުން ކޯވިޑް-19 އާއި ގުޅުވައި ޑޮލަރުގެ އަގަށް ބަދަލު އައިސްގެން ނުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19 އާ ގުޅިގެން ފުރަތަމަ ދުވަހު ޑޮލަރުގެ އަގު ކޮންމެވެސް ވަރަކަށް އުފުލުނު ކަމަށާއި އެހެންވެ، ސެންޓްރަލް ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާ މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. ރާއްޖެ އަށް ދުވާލަކަށް ބޭނުންވާނެ ޑޮލަރުގެ މިންވަރު އެމްއެމްއޭ އަށް އެނގޭނެ ކަމަށާއި ރާއްޖޭގެ މާކެޓަށް ޑޮލަރު ބޭނުންވާ ވަރަށް ބޭންކުތަކަށް ޑޮލަރު ދޫކުރާ އަދަދު އިތުރުކޮށްފައިވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިޔަށް ވުރެ މާކެޓަށް ޑޮލަރު ބޭނުންވާ އަދަދު މިހާރު މަދުވާނެ ކަމަށެވެ. އެއީ އިމްޕޯޓްކުރެވޭ މުދަލުގެ އަދަދު މަދުވުމާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށަށް ދިއުމެވެ.
ރާއްޖެ އަށް މުދާ އިމްޕޯޓްކުރަން ބޭނުންވާ ޑޮލަރު ނުލިބިގެން ދަތިކަަމަކާ ކުރިމަތިވާނެ ހާލަތެއް ނާންނާނެ އިތުރު ގޮތެއްވެސް އެބައޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ އިންޑިއާ އާއި ރާއްޖެއާ ދެެމެދު ސޮއިކޮށްފައިވާ ކަރަންސީ ސްވޮޕް އެވެ.
ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާ 400 މިލިޔަން ޑޮލަރު އަދި ބޭނުންނުކޮށް އެބަހުރި ކަމަށެވެ. އޭގެ އިތުރުން ދުނިޔޭގެ މާލީ އިދާރާތަކުން ޑޮލަރު ހޯދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް