އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް ލިބޭ މިންވަރަށް ރުހި ގަބޫލުވުމަކީ މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ކަމެކެވެ. ތަނަވަސްކަމުގެ ހާލުގައި ވިޔަސް އަދި ދަތި ހާލުގައި ވިޔަސް އިންސާނާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާ މިންވަރަށް އީމާންވާން ޖެހެއެވެ. ކިތެންމެ މަދުން ލިބުނަސް އަދި ކިތެންމެ ގިނައިން ލިބުނަސް އެއީ ﷲގެ މިންވަރުފުޅުކަން ރުހި ގަބޫލުކުރަން ޖެހެއެވެ.
ދަންނާށެވެ. މާތް ﷲ އަހަރެމެންނަށް ރިޒުޤު ދެއްވަނީ އެކި މިންވަރަށެވެ. އެއީ އެކަލާންގެ އެކަން ކަނޑައަޅުއްވާ މިންވަރުކުރައްވަވާފައިވާ ގޮތެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނާގައިވެއެވެ. " ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި، ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަން ﷲއެވެ."
މި އާޔަތުގެ މާނައިން ވެސް އަޅުގަނޑުމެންނަށް އެގިގެން މިދަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ހުރިހާ އެއްޗެއްވެސް މިވަނީ އިންސާނުންގެ މެދުގައި ބައްސަވާފައި ކަމެވެ. އަދި އެކަލާނގެ ގިނައިން ދެއްވަން އެދިވޮޑިގެންވާ ފަރާތަކަށް ގިނައިން ދެއްވާކަމެވެ. އަދި މަދުން ދެއްވަން އެދިވަޑައިގަންނަވާ ފަރާތަކަށް މަދުންވެސް ދެއްވާ ކަމެވެ. ރަސޫލުއްލާޙި ސައްލައްﷲ އަލައިޙި ވަސައްލަމުގެ ހަދީޘް ފުޅަކަށް ބަލާއިރުގައި އެކަލޭނގެފާނު ހަދީޘް ކުރައްވާފައިވަނީ ތިޔަބައިމީހުންގެ މެދުގައި ރިޒުޤު ބައްސަވާފައިވާ ފަދައިން ތިޔަބައިމީހުންގެ މެދުގައި އަޚުލާގުވެސް ވަނީ ބައްސަވާފައެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ލޯބިވެ ވޮޑިގަންނަވާ ބޭފުޅުންނަށް ވެސް އަދި ލޯބިވޮޑިނުގަންނަވާ ބޭފުޅުންނަށް ވެސް ރިޒުޤު ދެއްވައެވެ. އެހެން ނަމަވެސް އީމާންކަން އެކަލާނގެ ލޯބިވޮޑިގަންނަވާ މީހަކަށް މެނުވީ ނުދެއްވައެވެ.
އެހެންކަމުން އަޅުގަނޑުމެންނަށް އެނގިގެންދާ އެއްޗަކީ ދުނިޔޭގެ ތަނަވަސްކަމަކީ އެއީ މުހިއްމު ކަމެއް ނޫންކަމެވެ. ދުނިޔޭގެ ތަނަވަސްކަމަކީ އެއީ ﷲ އަށް އީމާން ނުވާ ޣައިރު މުސްލިމުންނަށް ވެސް ލިބިދާނެ އެއްޗެއް ކަމެވެ. އަދި އެއީ މުސްލިމުންނަށް ވެސް ލިބިދާނެ އެއްޗެއް ކަމެވެ.
ކަންމިހެން ހުރިނަމަވެސް ގިނަބައަކު އަބަދުވެސް ތިބެނީ މަދުން ލިބޭތީ ކަންބޮޑުވެފައެވެ. މަދުން ލިބޭތީ ޝަކުވާކުރެއެވެ. ކަންއޮންނަ ގޮތަކީ މަދުން ލިބޭނަމަ އިތުރަށް ހޯދަން މަސައްކަތްކުރުމެވެ. ޙަލާލްގޮތުގައި މަސައްކަތްކުރުމެވެ. ﷲ އަށް ދުޢާކުރުމެވެ. ދެއްވަވާ މިންވަރަށް ޝުކުރުވެރިވުމެވެ. މުހިންމީ ބޭނުންވާހައިކަމެއް މިދުނިޔޭގައި ޙާޞިލުކުރެވުމެއް ނޫނެވެ. އާޚިރަތް ދުވަސް ކާމިޔާބުކުރެވުމެވެ. ވީމާ މިންވަރަށް އީމާންވެ އުންމީދު ނަގާނުލައި އެކަމަށް މަސައްކަތްކުރާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް