އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމަށް އަނިޔާ ވެއްޖެ އެވެ.
ޝިޔާމް އަށް އަނިޔާވެފައިވަނީ ފުލުހުންނާއި ދެމެދު ހިނގި ހަމަ ނުޖެހުމެއްގައި އެވެ. ފުލުހުން އޭނާ ދުރައްޖައްސަން މަސައްކަތް ފެށީ ނޫސްވެރިންނަށް އިންޓަވިއުއެއް ދެއްވަމުން ދަނިކޮށެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ވަނީ ފުލުހުންނާއި ޝިޔާމް އާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އޭނާއަށް އަނިޔާވި މަންޒަރު ފެނުނު ކަމަށް ބުނެފައި އެވެ. އެގޮތުން އަތާއި މޫނު މައްޗަށް އަނިޔާވެގެން އުޅުނުތަން ފެނުނު ކަމަށް ނޫސްވެރިން ބުނެފައިވެ އެވެ.
ފަހުން އޭނާ އެ ސަރަހައްދުން ފެނުނު އިރު ހުންނެވީ ލޮލުގައި ބޭސް އަޅައިގެންނެވެ. އެކަމަކު ލޮލަށް ލިބުނު ގެއްލުމާއި ގުޅޭގޮތުން އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
މިއަދުގެ މުޒާހަރާ ކުރިޔަށް ނުގެންދެވޭނެ ކަމަށް މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ އިންޒާރުދީފައި އެވެ. އެ އިންޒާރަކަށް ބެލުމެއް ނެތި މުޒާހަރާ ފެށުމުން ހިނގި ހަމަނުޖެހުންތަކާއި ފުލުހުން މީހުން ހައްޔަރު ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައެއް ބައިވެރިންނަށް އަނިޔާވެފައިވެ އެވެ.
އެގޮތުން ޕީޕީއެމް އޮފީސް ސަރަހައްދުގައި ހުރި ކެފޭއެއްގެ ތެރެއަށް ބަޔަކު ވަންނަން މަސައްކަތް ކުރުމުން އެމީހުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުގެ ތެރޭގައި މީގެއްގެ އަތުގައި ހިފައި ދަމައިގަތުމުގެ ތެރޭގައި އެމީހާ ބިންމައްޗަށް ވެއްޓި ބޯ ފެޅިފައިވެ އެވެ. އެއީ މެދު އުމުރުގެ މީހެކެވެ.
މިއަދުގެ މުޒާހަރާ ކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް