ކޯވިޑް-19 އަކީ މިސަރުކާރު ހިމާޔަތް ކުރަން ލިބުނު ބޮޑު ހަޒާނާއެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ މުޒާހަރާއި ގުޅޭގޮތުން ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް ސަރުކާރަށް ނޫނީ ދުނިޔޭގެ އެއްވެސް ގައުމަކަށް ކަންކަން އޮއްބާލުމަށް ކޯވިޑް-19 އައިސްފައި ނުވާ ކަމަށެވެ. ޝުޖާއު ވިދާޅުވީ ސަރުކާރުން ކޯވިޑް-19 ގެ ހާލަތުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ރަށެއްގެ ބަނދަރުގެ މަސައްކަތް ނުވަތަ ނަރުދަމާގެ މަސައްކަތް ކުރިޔަށް ނުދަނީ ކީއްވެތޯ ސަރުކާރުގެ ވެރިންނާއި ސުވާލުކޮށްފި ނަމަ ޖަވާބަކީ ކޯވިޑްގެ ހާލަތު ކަމަށެވެ. ޝުޖާއު ވިދާޅުވީ މި ސަރުކާރަށް ވޭތުވެދިޔަ ތިން އަހަރު ކަމެއް ނުކުރެވުނު ސަބަބުގެ ގޮތުގައިވެސް މިހާރު ނިންމަނީ ކޯވިޑްގެ ހާލަތު ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ތެރެއިން ކޯވިޑް ހަލުވިކަމާއި އެކު ފެތުރެމުންދާ ގައުމުތަކުވެސް ހިޔާލުފާޅު ކުރުމާއި މުޒާހަރާ ކުރުމުގެ ފުރުސަތު އެ ގައުމުތަކުގެ ސަރުކާރުން ދެމުންދާ ކަމަށެވެ. އެކަމަކު މި ސަރުކާރުން ކޯވިޑާއި ގުޅުވައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ސުލްހަވެރިކަމާއި އެކު ކުރާ މުޒާހަރާތައް ހުއްޓުވައި އިދިކޮޅު ފަރާތްތައް ހައްޔަރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
(ތަފްސީލް އަންނަނި)
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް