ފުލުހުން ހުރަސް އަޅަމުން ދަނިކޮށް އެކި ސަރަހައްދުތަކުގައި އިދިކޮޅުން މުޒާހަރާ ކުރަނީ

އިދިކޮޅު ކޯލިޝަންގެ މުޒަހާރާ ފުލުހުން ހުރަސް އަޅަމުން ދަނިކޮށް ފަށައިފި އެވެ. މުޒާހަރާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކޯލިޝަންގެ ވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަ...

26 Feb 2021 | 11:51

އިދިކޮޅު ކޯލިޝަންގެ މުޒަހާރާ ފުލުހުން ހުރަސް އަޅަމުން ދަނިކޮށް ފަށައިފި އެވެ.

މުޒާހަރާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ކޯލިޝަންގެ ވެރިއެއްގެ ގޮތުގައި މިވަގުތު ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ހުރަސް އެޅިނަމަވެސް މުޒާހަރާ ކުރިޔަށް ގެންދާނެ ކަމަށެވެ. މިއަދު މުޒާހަރާ ކުރަމުން ދަނީ "ކޮބާ މަގޭ ފްލެޓު" ގެނަމުގައި އެވެ.

އަދުރޭ ވިދާޅުވީ ފުލުހުންނާއި ހޯމް މިނިސްޓްރީން އަންގާފައި ވަނީ ގާނޫނާ ހިލާފު އަމަރުތަކެއް ކަމަށާއި ގައުމުގެ ހާލަތު އޮތް ގޮތުން އެންމެން ވެސް މުޒާހަރާއަށް ނިކުންނަން ޖެހޭ ކަމަށެވެ. އަދި ޕީޕީއެމް އޮފީސް ދޮރުމަތީގައި ފުލުހުން ތިބި ނަމަވެސް މާލޭގެ ހުރިހާ އަވަށްތަކުން ޕީޕީއެމްގެ ސަޕޯޓަރުން މަގުމައްޗަށް ނިކުތުމަށް އަދުރޭ ވަނީ ގޮވާލައްވާފައި އެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރިޔަށް ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ގްރޫޕު ގްރޫޕަށެވެ. އެގޮތުން އެއް ބަޔަކު ޕީޕީއެމް އޮފީސް ސަރަހައްދުގައި އުޅެމުންދާއިރު އެހެން ސަޕޯޓަރުންތަކެއް ދަނީ މާލޭގެ އެކި މަގުތަކުގައި ހިނގަމުންނެވެ.

މުޒާހަރާ ފެށުމުގެ ކުރިން ޕީޕީއެމް އޮފީސް ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި އެވެ. އަދި އެ ސަރަހައްދުގައި ތިބި މީހުންނަށް ނުނިކުމެވޭނެ ގޮތް ހަދާފައި އެވެ.

މީގެ އިތުރުން ޕީޕީއެމް އޮފީހަށް ވަތް މީހުންނަށް ނުނިކުމެވޭ ގޮތަށް ވަނީ ދެ ދޮރު ބަންދުކޮށްފައި އެވެ. ޕީޕީއެމް އޮފީސް ތެރޭގައު ތަށިވެފައި ތިބި ބޭފުޅުންގެ ތެރޭގައި އަދުރޭ ހިމެނެ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުތަކަށް އެއްވާން އެޗްޕީއޭއިން ވަނީ މަނާކޮށްފަ އެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ އެ އެންގުމާއި ހިލާފަށް އަމަލު ކުރާ ފަރާތްތަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް