މިއަދު އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވުމަށް ރާއްވާފައިވާ އެއްވުން ހުއްޓުވުމަށް ކޯލިޝަންގެ އިސް ބޭފުޅުންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ދެ މީހަކު ހައްޔަރުކުރީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފަށް އަދި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ކުރިއަށް ގެންދަން މަސައްކަތްކުރާ އެއްވުމެއް ބޭއްވިޔަ ނުދިނުމުގެ ބޭނުމުގަަ އެވެ.
ހައްޔަރުކޮށްފައިވާ އިދިކޮޅުގެ އިސް ބޭފުޅުންގެ ތެރޭގައި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު ހިމެނެ އެވެ. އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲގެ އިިތުރުން ޕީޕީއެމް އާއި ޕީއެންސީގެ ބައެއް ކައުންސިލް މެމްބަރުންނާއި އާންމު މެމްބަރުން ހިމެނެ އެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެއްވުން ހުއްޓުވުމަށް މީހުން ހައްޔަރު ކުރިޔަސް މުޒާހަރާ ކުރިޔަށް ދާނެ ކަމަށެވެ. އަދި ކިތަންމެ ވަރަށް މީހުން ހައްޔަރު ކުރިޔަސް މި ސަރުކާރު ފެއިލް ނުވާކަމަށް ނުވާނެ ކަމަށް އަދުރޭ ވިދާޅުވި އެވެ.
ފުލުހުން ވަނީ މިއަދު އިދިކޮޅުން ކުރަން ރާވާފައިވާ މުޒާހަރާއަކީ ގާނޫނާއި ހިލާފު މުޒާހާރާއެއް ކަމަށް ބުނެފައި އެވެ. އަދި އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އެއްވުންތައް ކުރިޔަށް ގެންދިއުމުގެ ފުރުސަތު ނުދެނޭ ކަމަށެވެ.
އިދިކޮޅުން މިއަދު މުޒާހަރާ ކުރަން ނިންމާފައިވަނީ "މަގޭ ފްލެޓު ކޮބާ" ގެ ނަމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް