ކޯވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދަ އަވައްޓެރި ސްރީލަންކާ ސަރުކާރުން އެންމެ ފަހުން ދީފި އެވެ.
ބުދިސްޓް މެޖޯރިޓީ އޮންނަ ލަންކާގައި ކޯވިޑް ޖެހިގެން މަރުވާ މީހުން ވަޅު ނުލާން ނިންމީ އެ ދީނުގެ ހާމުދުރުން އެކަމާއި ދެކޮޅު ހަދާތީ ސަރުކާރަށް ނުކެރިގެންނެވެ. ބުދިސްޓު ހާމުދުރުން ގަބޫލު ކުރާ ގޮތުގައި ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެންފަށަލަ ހަލާކުވެ ފަސްގަނޑުތެރެއިން ޖަރާސީމު ދައުރުވެ ދިރިތިބި މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ.
މި މައްސަލައިގަ މުސްލިމުންނާއި ކްރިސްޓިއަަނުން ލަންކާގައި މުޒާހަރާ ކޮށްފައިވާއިރު އދ. އާއި ބައިނަލްއަގުވާމީ އެހެން ޖަމާއަތްތަކާއި ބޮޑެތި ގައުމުތަކުން ވަނީ ލަންކާ ސަރުކާރަށް ފާޑުކިޔާފައި އެވެ. ހާއްސަކޮށް މި މައްސަލައިގަ މުސްލިމުންނާއި މުސްލިމް މެޖޯރިޓީ ގައުމުތަކުން ވަނީ ލަންކާ ސަރުކާރަށް ބޮޑަށް ފާޑުކިޔާފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ގޮތް ދޫކޮށް ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުގެ ހުއްދަ ލަންކާ ސަރުކާރުން ދޭން ނިންމީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު އެވެ. ލަންކާއިން ގޮތް ދޫކުރީ އދ. ގެ އިންސާނީހައްގުތަކާއި ބެހޭ ކައުންސިލްގައި ލަންކާއަށް ތާއީދު ކޮށްދޭނެ ކަމަށް ޕާކިސްތާނުން އެއްބަސްވުމުން ކަމަށްވެ އެވެ.
މުސްލިމުންގެ ސަގާފަތާއި ދީނަށް ހުރުމަތްތެރިކޮށް ނުހިތައި ހައްގުތަކަށް އުނިކަން އަންނާނެ ގޮތަށް ކޯވިޑްގައި މަރުވާ މީހުން އަންދާފައިވާ މައްސަލައިގަ ލަންކާ އާއި ދެކޮޅަށް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމުގައި ފިޔަވަޅު އެޅުމަށް ނުވަތަ ވާހަކަ ދެއްކުމަކީ އެޖެންޑާ ކޮށްފާނެ ކަމެއް ކަމަށް ވަނީ ބެލެވިފައި އެވެ.
އެ ކައުންސިލުން ވަނީ މީގެ ކުރިން މި މައްސަލައިގަ ބަޔާނެއް ނެރެ ކޯވިޑްގައި މަރުވާ މީހުން ވަޅުލުމުން ސިއްހީ މައްސަލައެއް ނުވަތަ ފެން އަދި ފަސްގަނޑަށް ބަދަލެއް އަންނަ ކަމުގެ ސައިންޓިފިކް ހެއްކެތް ނެތް ކަމަށް ބުނެފައި އެވެ. އަދި ވަކިބަޔަކު ހިތްހަމަ ޖެއްސުމަށް ދީނީ ގޮތުން ތަފާތު ކުރުމާއި އެއް ބަޔަކު އަނެއް ބައެއްގެ ކަރާމާތަށް އަރައިގަތުން ބަލައި ނުގަނެވޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
މީގެ ކުރިންވެސް ލަންކާ ވަނީ މިފަދަ މައްސަލައެއްގައި އިންސާނީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އަމަލު ކޮށްފައިވާ ގައުމެއްގެ ގޮތުގައި އދ.ގެ އެ ކައުންސިލުން ބަލައިގެންފަ އެވެ. އެއީ ތަމަޅައިންނާއި ދެކޮޅަށް ހިންގި 26 އަހަރުވީ ލަންކާގެ ދާހިލީ ހަނގުރާމައިގަ 10،000 އަށްވުރެ ގިނަ އާންމުން އެ ގައުމުގެ އަސްކަރިއްޔާއިން މަރާލި މައްސަލައިގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް