ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މިދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރުމެއް ނެތި ހަމަނުޖެހުމާއި ހަލަބޮލިކަން އުފެއްދުމަށް މަސައްކަތް ނުކުރުމަށް ހޯމް މިނިސްޓްރީން ގޮވާލައިފި އެވެ.
ހޯމް މިނިސްޓްރީން މިހެން ބުނެފައި މިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި އެކި ސަރައްހަދުތަކުގައ މިއަދު ހަވީރު މުޒާހަރާ ކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައިވާތީ އެވެ.
ހޯމް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް އެއްވުންތައް ނުރޭވުމަށާއި އެފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސިޔާސީ ޕާޓީތަކަށްވެސް ރައްޔިތުންގެ އާންމު ސިއްހަތު ސަލާމަތް ކުރުމަށްޓަކައި ޒިންމާދާރުވުމަށް ގޮވާލާ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ މިނިވަންކަމާއެކު ހިޔާލުފާޅުކުރުމުގެ ހައްގާއި 32 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގަކީ ދިވެހި ރައްޔިތުންނަށް ފުރިހަމަޔަށް ލިބިގެންވާ އަދި ސަރުކާރުން އެކަން ކަށަވަރުކޮށްދޭ ހައްގުތަކެއް ކަމަށެވެ. ގާނޫނުގައި ބަޔާންކުރެވިފައިވާ މިނިވަންކަމަކީ އެއާއި އެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް އަދި ހުދޫދުތަކެއް ކަނޑައެޅިގެންވާ ކަންކަން ކަމަށް ބުނެފައިވެ އެވެ.
އަދި ގާނޫނުއަސާސީގައި ބަޔާންކުރެވިގެންވާ މިނިވަންކަމަކީ އެއާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއްވާ އަދި ހުދޫދުތަކެއްވެސް ކަނޑައެޅިގެންވާ ކަންތައްތަކެއްކަން ފާހަގަކޮށް ބަޔާނުގައި ބުނީ ގާނޫނުއަސާސީގެ 67 ވަނަ މާއްދާގެ (ނ) ގައި މުޖުތަމައުގެ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުމަކީ ކޮންމެ ރައްޔިތެއްގެ މައްސޫލިއްތެއް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ވަބާގެ އަސަރު ދިވެހިރާއްޖެއަށްކޮށް، ދިވެހި ރައްޔިތުންގެ ތެރެއިން 60 މީހުން އެބަލީގައި މަރުވެފައިވާ ކަމަށާއި އަދި އެތައްބަޔަކު އެބައްޔަށް ޕޮޒިޓިވްވެ، ގިނަ އަދަދެއްގެ މީހުން އެނދުމަތިކޮށްގެން ފަރުވާކުރުމަށް މަޖުބޫރުވެފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ކޯވިޑަށް ހާއްސަކުރެވިގެން ގާއިމުކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ހިދުމަތުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އެއްވެސް ހަރަކާތެއް ނުހިންމުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
އަދި އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހިލާފަށް ހަރަކާތްތައް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެކަމަށް ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީގެ އިތުރުން ފުލުހުންވެސް ވަނީ މިއަދުގެ އެއްވުން ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފައި އެވެ. އަދި އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އެއްވުން ބާއްވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް