މިއަދު މާލޭގައި އެއްވުންތަކެއް ބޭއްވުމަށް މަސައްކަތް ކުރަމުން ދަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ ފުލުހުން އިންޒާރު ދީފި އެވެ.
މިއަދު މާލޭގައި މުޒާހަރާ ކުރުމަށް ނިންމާފައިވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުންނެވެ. އިދިކޮޅުން ވަނީ މާލޭ ލޮކްޑައުން ކުރިޔަސް މަގުމައްޗަށް ނުކުމެ އެއްވުންތައް ބާއްވާނެ ކަމަށް ބުނެފައި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދު މާލޭގައި އެއްވުންތަކެއް ބާއްވަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމަކު އެ އެއްވުންތަކަކީ އެޗްޕީއޭގެ އެންގުންތަކާއި ހިލާފަށް އަދި ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފަށް ބޭއްވުމަށް މަސައްކަތް ކުރާ އެއްވުމެއް ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުން ކުރިޔަށްވުރެ އިތުރުވެފައިވާ މިދަނޑިވަޅަކީ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށެވެ. އެހެންވެ މިފަދަ އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ވަނީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސް ކޮށްފައި އެވެ. އަދި އެގޮތަށް އަމަލު ނުކޮށް އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލު ކުރާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ.
މާލެ ސަރަހައްދުގައި މަގުމަތީގައި 10 މީހުންނަށް ވުރެ ގިނައިން އެއްކޮށް އުޅުމަކީ މަނާ ކަމެކެވެ. އަދި ރަސްމިއްޔާތުތަކާއި ޖަލްސާތަކާއި ހަފްލާތައް ބޭއްވުން އެޗްޕީއޭގެ އެންގުމަށް އޮތީ މަނާކޮށްފައި އެވެ.
އިދިކޮޅުން ސިލްސިލާކޮށް މުޒާހަރާ ކުރާތާ މިހާރު ދެ ހަފްތާއެއްހާ ދުވަސްވަނީ އެވެ. އަދި މިއީ އިދިކޮޅު މުޒާހަރާތަކާއި ގުޅިގެން ފުލުހުން އިންޒާރު ދިން ފުރަތަމަ ފަހަރެއް ނޫނެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް