އިންސާނާއަށް ކުރެވިފައިވާ ކުށްފާފަތަށް ގިނަ ކަމުން މާޔޫސް ނުވުމަށް މިއަދު ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ މާތް ﷲ ގެ ނިއުމަތް ހިމަނައި އަދަދު ކުރަން އުޅުނަސް އިންސާނުންނަށް އެ ނިއުމަތެއް ނުހިމެނޭނެ ކަމަށެވެ. ހުތުބާގައި ބުނީ ދުނިޔޭގައި ﷲގެ ރަހުމަތްފުޅު ވަނީ އެންމެހައި އަޅުތަކުންގެ މައްޗަށް އާންމުވެ ޝާމިލްވެފައި ކަމަށެވެ.
އޭގެ މިސާލެއްގެ ގޮތުގައި ހުތުބާގައި ބުނެފައިވަނީ މައި މީހާ އޭނާގެ ތުއްތު ދަރިފުޅަށް ރަހުމް ކުރާ ވަރަށްވުރެ މާބޮޑަށް ﷲ ތައާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާތެރިވެ ވޮޑިގެންނަވާ ކަމަށެވެ. އުޑުތަކަކާއި ބިމުގައި ވާހާއެއްޗެއް ﷲ އުފައްދަވާފައިވަނީ އެތަކެތިން އިންސާނުން ފައިދާ ލިބިގަތުމަށް ޓަކައެވެ.
ﷲ ގެ ރަހުމަތްފުޅުނު ނުވާނަމަ މި ދުނިޔެ މަތީގައި އެއްވެސް މީހަކަށް ނޭވާވެސް ނުލެވޭނެ ކަމަށާއި ބޯނޭ ފެންފޮދެއްވެސް ނުލިބޭނެ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. އަދި ބަލިވެއްޖެ ނަމަ ޝިފާވެސް ނުލިބޭނެ ކަމަށެވެ.
ހުތުބާގައި ބުނެފައިވަނީ ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުން އެއްގޮތަކަށްވެސް މާޔޫސްވާން ނުޖެހޭ ކަމަށެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީނަމަވެސް އިހްލާސްތެރިކަމާއި އެކު ތައުބާވެ ހެޔޮއަމަލު ކުރުމުން އެންމެހައި ފާފަތައް ﷲ ފުއްސަވައިދެއްވާނެކަން އަންގަވާފައިވާ ކަމަށެވެ.
ހެޔޮ އަމަލު ގިނަ ކުރުމަކީ ފާަފަތައް ފުހެވިގެން ދާ ކަމެއްކަން ފާހަކޮށް މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއް ހިމަނާފައިވެ އެވެ. އެ ބަސްފުޅުގެ މާނައިގަވަނީ ހަމަކަށަވަރުން ހެޔޮ ކަންކަން ނުބައިކަން ނެތިކޮށްލައެވެ.
ހުތުބާގައި އިތުރަށް ބުނެފައިވަނީ ނުބައި ކަމެއް ކޮށްފި މީހަކަށް އެ ނުބައި ކަމަކާއި އެއްވަރުގެ ޖަޒާއެއް ނޫނީ ލިބިގެންނެތް ނުވެ އެވެ. އެކަމަކު މީހަކު ހެޔޮ އަމަލެއް ކޮށްފި ނަމަ އެ އަމަލެއްގެ ސަވާބު 10 ގުނައިން ފެށިގެން 700 ގުަނައަށް އިތުރުކޮށްދެއްވާ ކަމަށެވެ.
ނޭނގުމުގެ ސަބަބުން ފާފައަކަށް އަރައިގެނަވިއްޖެ ނަމަ ތައުބާވުމުން ﷲގެ ރަހުމަތް ފުޅުން އޭނާގެ ތައުބާ ގަބޫލު ކުރައްވައި ފާފަ ފުއްސަވައި އޭނާއަށް ރަހުމަތް ލައްވާނެތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް