ށ. މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ މިލަންދޫ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ރެއިން ފެށިގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެޗްޕިއޭގެ ހުއްދަ ނެތި ވަކިގޮތެއް އަންގަންދެން އެ ރަށަށް މީހުން އަރާ ފޭބުމަކީ މަނާ ކަމެއް ކަމަށެވެ.
މި ފިޔަވަޅު އެޅީ ރާއްޖޭގައި އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ.
އެޗްއީއޯސީން ބުނީ އެ ރަށުން ޕޮސިޓިވްވެފައިވަނީ ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހަކު ކަމަށެވެ. އަދި އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންނަން ޖެހުނީ އެމީހާ ކަރަންޓީން އުސޫލާއި ހިލާފުވެ ކަރަންޓީންގެ މުއްދަތުގައި ރަށު ތެރެއަށް ނުކުމެ އުޅެފައިވާތީ ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިން ހަދާ ނިމުމުން ބަލީގެ އިތުރު ކޭސްތަކެއް ނުފެންނަ ނަމަ މޮނިޓަރިންގެ ހާލަތު އުވާލާނެ ކަމަށް ބުނެ އެވެ.
މިލަންދޫގެ އިތުރުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ހދ. ނޭކުރެންދޫ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އެވެ. މީގެ ތެރެއިން ފުވައްމުލަކާއި އައްޑޫ ހުޅުމީދޫގައި ދަނީ ކާފިއު ހިންގަމުންނެވެ.
މިއަދު އަތޮޅުތެރޭގެ ރަށްތަކުން 10 މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހޯމް ކަރަންޓީން ފުރިހަމަ ކުރި މީހުންނެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރުމުން ކޯވިޑަށް ޓެސްޓު ކުރާއިރު ޕޮސިޓިވް ވިޔަސް އެ މުއްދަތުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައި ނުވާ ނަމަ ރަށު ތެރެއަށް ބަލި ފެތުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ.
މިހާތަނަށް ރާއްޖެއިން 19،000 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް