ހިދުމަތް މެދުކެނޑުނުތާ 33 ގަޑިއިރު ފަހުން ވޭމަންޑޫއަށް ކަރަންޓު ދީފި

އިންޖީނުގޭގައި އަލިފާން ރޯވެ ތ. ވޭމަންޑޫން ކަރަންޓު ކެނޑުނުތާ 33 ގަޑިއިރު ފަހުން ރަށަށް އަލުން ކަރަންޓު ދީފި އެވެ. ފެނަކަ ކޯޕަރޭޝަނުން ބުނީ އަލުން ކަރަންޓުގެ ހިދުމަތް ދޭން ފެށުނީ މިރޭ 11:40 ހާއިރު ކަމ...

25 Feb 2021 | 19:38

އިންޖީނުގޭގައި އަލިފާން ރޯވެ ތ. ވޭމަންޑޫން ކަރަންޓު ކެނޑުނުތާ 33 ގަޑިއިރު ފަހުން ރަށަށް އަލުން ކަރަންޓު ދީފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އަލުން ކަރަންޓުގެ ހިދުމަތް ދޭން ފެށުނީ މިރޭ 11:40 ހާއިރު ކަމަށެވެ.

އެރަށު އިންޖީނު ގޭގައި އަލިފާން ރޯވީ އިއްޔެ މެންދުރު ފަހު 2:30 ހާއިރު އެވެ. ފެނަކައިން ބުނީ އަލިފާން ރޯވީ ކުއްލިއަކަމަށް ކަމަށާއި ރޯވާން ދިމާވި ސަބަބު އަދި ނުހޯދޭ ކަމަށެވެ.

ވޭމަންޑޫއިން ކަރަންޓު ކެނޑުމާއި އެކު އެ ކުންފުނިން އެންމެ އިސްކަމެއް ދިނީ ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ފެށުމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރީ މާލެއިން ޖަނަރޭޓަރު ސެޓެއް ގެންދިއުމަށް ކަމަށް ފެނަކައިން ކުރިން ބުންޏެވެ.

އެކަމަކު އެއަށްވުރެ އަވަސް ކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ އެ އަތޮޅު ގުރައިދޫއިން 360 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސް ހިދުމަތް ދިނުމުގެ މަސައްކަތް ފަށާފައި އެވެ. އެހެން ރަށަކުން ޖަނަރޭޓަރެއް ގެންދިޔުމުގެ އިތުރުން ވަގުތީ ގޮތުން ބޭނުން ކުރާނެ އިންޖީނުގެއެއްވެސް މިއަދު އެ ރަށުގައި އަޅާފައިވެ އެވެ.

ފެނަކައިން ވަނީ އަލުން ކަރަންޓުގެ ހިދުމަތް އަވަހަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުން 33 ގަޑިއިރު މެދުކެނޑުމެއް ނެތި ކުރި ބުރަ މަސައްކަތަށްވެސް ޝުކުރު އަދާކޮށް އަގުވަޒަން ކޮށްފައިވެ އެވެ.

ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑޫއަށް ކަރަންޓު ދިނުމަށް ފެނަކައިން ތިން ޖަނަރޭޓަރު އެ ރަށުގަައި ބޭނުން ކުރެ އެވެ. އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ތިން ޖަނަރޭޓަރު ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް