އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ތެދުވަންވީ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވީ އިސްލާމް ދީނާ ދެކޮޅު މައުލޫމާތުތަކެއް ދޭ ވޯކްޝޮޕްތަކެއް ރާއްޖޭގެ ދެ އަތޮޅެއްގައި ހިންގި މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަމުންދާކަން އެ މިނިސްޓްރީން ހާމަ ކުރުމާއި ގުޅިގެންނެވެ. އެ މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފަށް ވޯކްޝޮޕުތަކެއް ބޭއްވި ކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީން ދިފާއު ކުރުމަކީ ރައްޔިތުންނަށް ވާޖިބު ކަމެއް ކަމަށެވެ. ދިވެހިންގެ ގައުމުގެ ރުކުންތައް ފުނޑާލަން އެއްވެސް ބަޔަކަށް ޖާގަ ނުދެވޭނެ ކަމަށެވެ.
އިތުރަށް ވިދާޅުވެފައިވަނީ މި ސަރުކާރަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ އައުން ހުއްޓުވިއްޖެ ކަމަށެވެ. އެކަމަކު ލާދީނީ ކަންކަން ފަތުރާ މީހުންނަށް ލައިސަންސް ދެވިފައިވާތައް މިއަދު މި ފެނުނީ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
https://twitter.com/MJameelAhmed/status/1232638229448290304
އިނގިރޭސިވިލާތުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުއިލިއަމް ފައުންޑޭޝަން ކިޔާ ޖަމިއްޔާއަކުން މި ވޯކްޝޮޕްތައް ހިންގާފައިވަނީ ހދ. ހަނިމާދޫ އާއި އައްޑޫ ސިޓީ ހިތަދޫގައި އެވެ. އެ ދެ ރަށުގެ ސްކޫލް ކުދިންނާއި ބެލެނިވެރިން މި ވޯކްޝޮޕްތަކުގައި ބައިވެރިކޮށްފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ވޯކްޝޮޕްތަކުގައި ޝިރުކު ކުރުމާއި އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވައިގެން ވާހަކަދެއްކި ކަމަށް ވެ އެވެ. އަދި މަރުގެ އަދަބު ދިނުމަކީ ހަރުކަށި ފިކުރަށް ތާއީދު ކުރުން ކަމަށް ވޯކްޝޮޕުގެ ބައިވެރިންނަށް ވިސްނައިދޭން މަސައްކަތް ކުރި ކަމަށްވެ އެވެ.
އެ ޖަމިއްޔާ ހިންގަން އިސްކޮށް ތިބެނީ މީގެ ކުރިން އިސްލާމް ދީނަށް އުޅުމަށް ފަހު ދީން ދޫކޮށްލާފައިވާ ބައެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާޖިދު ނަވާޒާއި ރަޝާދު ޒަމާން އަލީ އާއި ހަރަސް ރަފީގް އަދި ޑޭވިޑް ޓޫބެ ނަމަކަށް ކިޔާ ބައެއް ކަމަށްވެ އެވެ.
އެމީހުން ދަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކޮށް މެދުމިނުގެ އިސްލާމް ދީންކަމަށް ބުނާ ކަންތައްތަކެއް ފަތުރަން މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް