ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ކަސްޓަމްސް އާއި ފިޝަރީޒް މިނިސްޓްރީން އެއްބަސްވުމެއް ސޮއި ކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން މަސްވެރިކަމުގެ ކަމަކާއި ގުޅިގެން ރާއްޖޭގައި ބަނދަރު ކުރަން އަންނަ ބޭރުގެ މަސްވެރިކަން ކުރާ އުޅަނދު ފަހަރާއި މަސްއުފުލާ ކެރިއަރު ނުވަތަ ރީފަރ ވެސަލް ފަދަ އުޅަނދުފަހަރަށް އިންވަރޑް އަދި އައުޓުވަރޑް ކްލިއަރެންސް ދިނުމާއި، އެފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމުގެ ކަންކަން ބައިނަލްއަގުވާމީ މިންގަނޑުތަކާއި ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމަށެވެ.
އަދި މި ކަންތައްތަކަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ގާނޫނާ ހިލާފަށް އުޅޭ ބޭރުގެ މަސްވެރި އުޅަނދުފަހަރުގެ ހަރަކާތްތައް ހުއްޓުވައި، އެ އުޅނދުފަހަރުތައް ރާއްޖޭގެ ބަނދރުގައި ބޭނުންކުރުން މަނާ ވާނެ ކަމަށެވެ.
އަދި މީގެ އިތުރުން ގަވާއިދުގެ ދަށުން ރާއްޖޭގައި ބޭނުންކުރާ ބޭރުގެ މަސްވެރި އުޅަނދުފަހަރާއި މަސްއުފުލާ ކެރިއަރު ފަދަ އުޅަނދުފަހަރު އިންސްޕެކްޓްކުރުމާއި، ބޭރުގެ މަސްބަރުކުރާ ކެރިއަރުތަކަށް މަސްބަރުކުރުމަށް ރާއްޖޭގެ ޕޯޓްތަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންތައް މޮނިޓަރކުރުމުގެ އިތުރުން އިންސްޕެކްޝަން އޮފިސަރުންންނަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމާއި ކަމާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގައި ދެއިދާރާއިން ގުޅިގެން މަސައްކަތްކުރުމަށް އެެއްބަސްވެފައި ވެއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ، ގާނޫނާއި ގަވައިދާ ހިލާފަށް ބެލެހެއްޓުމެއްނެތި، އަދި ރިޕޯޓުކުރުމެއްނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް ބަނދަރުތަކުގައި އަޅާނެ ފިޔަވަޅުތަކާބެހޭ ގަވާއިދު ގައި ކަނޑައަޅާފައިވާ ކަންތައްތައް އެންމެ ފުރިހަމަ ނިޒާމެއްގެ ތެރެއިން ތަންފީޒުކުރުމަށް ދެ އިދާރާ ގުޅިގެން މަސައްކަތްތައް ކުރުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް