އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ މިޝޭލް ބެޝެލޭއާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ހިއުމަން ރައިޓްސް ކައުންސިލްގެ 43 ވަނަ ބައްދަލުވުމުގެ ހައި-ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ހައިކޮމިޝަނަރާ ބައްދަލުކުރެއްވީ މިއަދު ޖެނީވާގައި ހުންނަ އދގެ އޮފީހުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އިންސާނީ ހައްޤުތައް ކަށަވަރުކޮށް، ކުރިއެރުވުމަށް ދިވެހިރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު އެކަމަނާއާ ހިއްސާކުރައްވާފައެވެ. އަދި އެމަސައްކަތުގައި ހައިކޮމިޝަނަރާއި ހައިކޮމިޝަނަރުގެ އޮފީހުން ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަނާއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.
ބައްދަލުވުމަށްފަހު މިނިސްޓަރ ޝާހިދު ވިދާޅުވީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމާއި ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ހިއުމަން ރައިޓްސް ހައިކޮމިޝަނަރަށް އެރުވިކަމަށެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރާއްޖެއިން އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގައި ހޯދާފައިވާ ކާމިޔާބީތަކަކީ މިސާލެއްކަމަށް ހައިކޮމިޝަނަރ ވަނީ މިދިޔަ އަހަރު ޖެނީވާގައި ގިނަ ޤައުމުތަކެއްގެ ދާއިމީ މަންދޫބުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ހިއުމަން ރައިޓްސް ހައިކޮމިޝަނަރުގެ އިތުރުންވެސް އެހެން ބައެއް ބޭފުޅުންނާއި ފޮރިން މިނިސްޓަރ ޝާހިދު ވަނީ ޖެނީވާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބައްދަލުކުރައްވާފައެވެ. އެގޮތުން ސީޝެލްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް ބެރީ ފޯރއާއި، ޖޯޖިއާގެ ފޮރިން މިނިސްޓަރ ޑޭވިޑް ޒަލްކަލިއާނީ މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އެޤައުމުތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން މޮރޮކޯގެ މިނިސްޓަރ އޮފް ސްޓޭޓް އިން-ޗާޖް އޮފް ހިއުމަން ރައިޓްސް މުސްތަފާ ރާމިދުއާއި ބައްދަލުކުރައްވައި، އިންސާނީ ހައްޤުތަކުގެ ދާއިރާގައި ދެޤައުމުގެ މެދުގައި ކުރެވެމުންދާ ފަންނީ އެއްބާރުލުމާއި ބެހޭ ގޮތުން މަޝްވަރާކުރައްވައި، އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް