އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް ޝާހީ އާއިލާއިން ވަކިވެ އަމިއްލައަށް ދިރިއުޅެން ފަށާ ދުވަހަކީ އިނގިރޭސި ޒަމާންވީ ރަސްކަން ނިމުމަކަށް އައުމުގެ ފެށުމަށް ވާނެ ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފި އެވެ.
އަންނަ މަހުގެ ނިޔަލަށް ހެރީގެ ދެމަފިރިކަނބަލުން ޝާހީ ޒިންމާތަކުން ދުރުވެ މުޅި ދިރިއުޅުން ރަސްމީކޮށް ކެނެޑާއަށް ބަދަލު ކުރާނެ އެވެ. އެމީހުންގެ ނިންމުން އިއުލާނު ކުރުމުންވެސް މުޅި ޝާހީ އާއިލާއަށް ސުނާމީއެއް އެރި މަންޒަރު ފެނިގެންގޮސްފައިވެ އެވެ.
އެއީ ހެރީ ޝާހީ ޒިންމާތަކުން ވަކިވާކަން އިއުލާނު ކުރުމުން ޝާހީ އާއިލާގެ ކުއްލި ބައްދަލުވުމެއް ބާއްވައި ބޮޑެތި ބަހުސްތަކެއް ކުރެވިފައިވާތީ އެވެ. މާމާފުޅު ކުއީން އެލިޒަބަތް ދޭއް އަށް ހެރީގެ ނިންމުމަށް އިހުތިރާމް ކުރަން މަޖުބޫރުވީ އެވެ.
ޝާހީ އާއިލާގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ހެރީގެ މި ނިންމުން މާމާފުޅަށް ގަބޫލް ކުރަން ދަތިވިޔަސް އިނގިރޭސިވިލާތުގެ ރައްޔިތުން ހެޔޮ ހިތުން ގަބޫލު ކުރާ ކަމަށެވެ. އަދި އެކަމަށް ތާއީދު ކުރާ ކަމަށެވެ. އެއީ ގިނަ ރައްޔިތުން ބޭނުން ވަނީ ޝާހީ އާއިލާގެ ހުރިހާ މެންބަރުން ވެސް ޝާހީ އާއިލާގެ ނަމުގައި ދައުލަތުގެ ފައިސާ އިން ދިރިއުޅުމުގެ ބަދަލުގައި ވަކި ދިރިއުޅުމެއް އުޅެން ކަމަށެވެ.
އިނގިރޭސި ރަސްކަން ނިމުނުތާ ބައިގަރުނުވެފައިވާއިރު ޝާހީ އާއިލާ އަކީ އިނގިރޭސިވިލާތަށް އުފުލަން ޖެހިފައި އޮތް ބޮޑު ބުރައެއްގެ ގޮތުގައި އެ ގައުމުގެ ގިނަ ރައްޔިތުން ދެކެ އެވެ. އެއީ އެ އާއިލާގެ މެންބަރުންގެ މުސާރައާއި ގަނޑުވަރުތަކާއި ކެއުމާއި ދަތުރުފަތުރާއި ހުރިހާ ކަމެއް ބަލަހައްޓަން ޖެހެނީ ރައްޔިތުން ދައުލަތަށް ދައްކާ ޓެކްސް ފައިސާއިން ކަމަށްވާތީ އެވެ.
ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ ހެރީ މިފަދަ ބޮޑު ނިންމުމެއް ނިންމާފައި މިވަނީ ރައްޔިތުންގެ ފާޑުކިޔުންތަކާއި ހެދި އިނގިރޭސި ރަސްކަން ދެމި އޮންނާނެ ކަމާމެދު ސުވާލު އުފައްދަމުން ދަނިކޮށް ކަމަށެވެ.
ރައްޔިތުންގެ ފާޑުކިޔުމާއި ނުރުމާއި ދެކޮޅަށް ދައުލަތުން ޝާހީ އާއިލާއަށް ބޮޑު ހޭދައެއް ކުރަނީ މަޖުބޫރީ ހާލަތެއްގައި ކަމަށްވެ އެވެ. އެއީ ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިންނެތް ހަމައެކަނި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް ބަލާލުމަށް އިނގިރޭސިވިލާތަށް ދާކަމަށްވެ އެވެ.
އިނގިރޭސިވިލާތުގެ އިތުރުން ހެރީ އާއި މޭގަން ދިރިއުޅުން ބަދަލުކޮށްފައިވާ ކެނެޑާގެ ރައްޔިތުންގެ މެދުގައިވެސް ވަނީ އެ ގައުމަށް އެ ދެމަފިރިން ހިޖުރަ ކުރުމުން ނުތަނަވަސްކަން އުފެދިފަ އެވެ. އެެގޮތުން ހިޔާލު ހޯދުމުގެ ވޯޓު ދައްކާގޮތުން ދައުލަތުގެ ސެކިއުރިޓީ އެ ދެމީހުންނަށް ހިލޭ ފޯރުކޮށްދިނުމާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކޮޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް