ޗައިނާއިން ފެނި އެ ގައުމުގެ ގިނަ ބަޔަކު ޕޮޒިޓިވްވެ އަދި ގިނަ ބަޔަކު އެ ވައިރަހެއްގައި މަރުވެފައިވާ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް، އީރާނުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު އީރާޖް ހަރީރްޗީ ޕޮޒިޓިވް ވެއްޖެއެވެ.
މިކަން އިއުލާނުކޮށްފައިވަނީ އެ ގައުމުގެ ސިއްހަތާއިބެހޭ ވުޒާރާއިންނެވެ.
މެދުއިރުމަތީގައި އެންމެ ގިނައިން މި ވައިރަސް ފެނިފައިވާ އަދި ޗައިނާއިން ބޭރުން މި ވައިރަހުގައި އެންމެ ގިނަ މީހުން މަރުވެފައިވާ ގައުމަކީވެސް އީރާން ކަމުގައިވާއިރު ޑެޕިއުޓީ މިނިސްޓަރު ހަރީރްޗީ ފާހަގަކުރެވިފައިވަނީ އެ ގައުމުގައި މި ވައިރަސް ފެތުރެން ފެށުނީއްސުރެ މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ނޫސްވެރިންގެ ބައެއް ބައްދަލުވުންތަކުގައި ކެއްސާކަން ފާހަގަކުރެވި އަދި ދާހިއްލާކަން މާ ބޮޑަށް ފާހަގަކުރެވޭތީ ކޮރޯނާ ވައިރަހަށް ޓެސްޓް ކުރިއިރު އޭނާ ވަނީ އެ ވައިރަހަށް ޕޮޒިޓިވް ވެފައި ކަމުގައި އެ ގައުމުގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހަށް ހަރީރްޗީ ޕޮޒިޓިވްވެފައިވާއިރު އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ހަރީރްޗީގެ ވީޑިއޯއެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ހަރީރްޗީ ބުނެފައިވަނީ ދުނިޔޭގައި މާ ގިނަ ދުވަހު ހުރެވިދާނެ ކަމުގެ މާ ބޮޑު އުންމީދެއް ދެން ނެތް ކަމަށާއި ނަމަވެސް މިހާރު އައިސޮލޭޓްކޮށް ފަރުވާ ދޭން ފަށާފައިވާކަމަށެވެ.
އީރާނުގައި މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 100 އާއި ގާތްކޮށްފައިވާއިރު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް