އަކްޝޭ ބޮލީވުޑް ހަޔާތުގެ ކުރީކޮޅު އަރަން ޖެހުނު ބޫޓު މިހާރު ކާތިކްއަށް!

މި މަހު14 ވަނަ ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ލަވް އާޖް ކަލް" ވެގެން ގޮސްފައިވަނީ ކާތިކް އާރްޔާންގެ ފިލްމީ ކެރިއަރުގައި ކާމިޔާބު ފިލްމުތަކަކަށް ފަހު އައި ބޮޑު ފްލޮޕަކަށެވެ. 2011 ވަނަ އަހަރު ފިލ...

25 Feb 2020 | 20:12

މި މަހު14 ވަނަ ދުވަހު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމު "ލަވް އާޖް ކަލް" ވެގެން ގޮސްފައިވަނީ ކާތިކް އާރްޔާންގެ ފިލްމީ ކެރިއަރުގައި ކާމިޔާބު ފިލްމުތަކަކަށް ފަހު އައި ބޮޑު ފްލޮޕަކަށެވެ.

2011 ވަނަ އަހަރު ފިލްމީ ކެރިއަކު ފެށި ކާތިކް މިހާތަނަށް ނުވަ ފިލްމު ކުޅެފައިވާއިރު އޭގެ ތެރެއިން ހަތަރު ފިލްމު ވަނީ ފްލޮޕްވެފަ އެވެ. އެކަމަކު މިހާރު އޭނާ ބޮލީވުޑްގައި ފައިތިލަ ސާބިތުކޮށްފައި ހުރި ހިސާބުން އެ އިންޑަސްޓްރީގައި ބާކީ ވެގެންދާނެ ވައްތަރު ނުޖަހާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ލަވް އާޖް ކަލް" ފްލޮޕް ވުމުން ގިނަ ބަޔަކު ހީކުރީ އެކަމުގެ އަސަރު ސީދާ ގޮތުން ކާތިކްއަށް ކުރާނެ ކަމަށެވެ. އެ ފިލްމު ރިލީޒް ވުމާއި އެކު މިހާރު ކާތިކް ހުރީ  އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ2" ގެ ޝޫޓިން އަށް އިންޑިއާގެ ޖައިޕޫރުގައި އެވެ.

އަނީސް މީޑިއާގައި ބުނެފައިވަނީ އެ ފިލްމަށް ކާތިކް ވަރުގެ ކުޅަދާނަ ފިރިހެން ތަރިއަކު ނެތް ކަމަށެވެ. އެހެން ކަމުން އަދި ފިލްމެއް ފްލޮޕް ވިޔަސް ކާތިކް ބާކީ ނުވާނެ ކަމަށާއި ކާތިކް މިހާރު އެހުރީ އަކްޝޭ ކުމާރު ކުރިން ހުރި ދަރަޖައިގަ ކަމަށެވެ. އޭނާ ބުނީ އަކްޝޭ ކުމާރު އެރި ބޫޓަށް މިހާރު ކާތިކްއަށް ރަނގަޅަށް އެރޭނެ ކަމަށެވެ.

އަކްޝޭ އަކީ އޭނާގެ ކެރިއަރުގެ ކުރީކޮޅު ކުޅުނު ގިނަ ފިލްމްތަކެއް ފްލޮޕްވެގެން އެކަމުގެ ހިތާމަ ވަރަށް ކުރި ބަތަލެކެވެ. އެކަމުގެ ހިތާމައިގަ ކެރިއަރު ގެއްލިދާނެ ކަމުގެ ބިރަށް އިންޑިއާގެ ރަށްވެހިކަން ދޫކޮށް ކެނެޑާގެ ރަށްވެއްސަކަށް ބަދަލުވި އެވެ. އަދިވެސް އޭނާ އަކީ ކެނެޑާ ރަށްވެއްސެކެވެ.

އަނީސް އާއި ބޮލީވުޑްގެ އިތުރު ޑައިރެކްޓަރުންތަކެއް މީޑިއާގައި ބުނެފައިވާގޮތުގައި "ލަވް އާޖް ކަލް" ފްލޮޕްވީ ކާތިކްގެ ނާގާބިލް ކަމަކުން ނޫނެވެ. އެއީ އެ ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒް އަލީއަށް ފިލްމުގެ ވާހަކަ ބައްޓަން ކުރަންވީ ގޮތް ނޭނގުމުން ވީގޮތެއް ކަމަށް ބުނެފައިވެ އެވެ.

ކާތިކް އަތުގައި މިހާރުވެސް ދެ ފިލްމު އެބަ އޮތެވެ. އެއީ "ބޫލް ބުލައްޔާ2" އާއި "ދޯސްތާނާ2" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް