މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސް އިން އިންތިޒާމްކޮށްގެން އިއްޔެ ބޭއްވި ހަރަކާތެއްގައި ފޮނި ބޯކިބަލެއް 2000 ރުފިޔާއަށް ވިކިއްޖެ އެވެ.
އިއްޔެ ހަވީރު ފެކަލްޓީގެ އިމާރާތްތެރޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ބޯކިބާ ނީލަން ކިޔުމާއި ސަގާފީ އެކި ހަރަކާތްތަށް ކުރިއަށް ގެންގޮސްފައިވާއިރު އެއްމެ ފޯރިގަދަ އަދި އެއްމެ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ އެއް ހަރަކާތަކީ ބޯކިބާ ނީލަން ކިޔުންކަމުގައި ފެކަލްޓީ އިން ހާމަކުރެ އެވެ.
އިއްޔެގެ އެ ނީލަމުގައި އެއްމެ ބޮޑު އަގެއްގައި ވިއްކާލާފައިވަނީ މިދިޔަ އަހަރު ޑިޕްލޮމާ އިން ޖާނަލިޒަމް ފެށި ކުދިން ތައްޔާރުކުރި ފޮނި ބޯކިބަލެވެ. އެ ބޯކިބާ ވިއްކާލާފައިވަނީ 2000 ރުފިޔާ އަށެވެ. ހަމަ އެ ނީލަމުގައި 1000 ރުފިޔާއަށްވެސް ބޯކިބަލެއް ވިއްކާލާފައި ވެ އެވެ. އެއީ ޑިޕްލޮމާ އިން ޖާނަލިޒަމްގެ މި އަހަރުގެ ބެޗްގެ ދަރިވަރުން އެޅި ފޮނި ބޯކިބަލެވެ. މީގެ އިތުރުން ހަމަ އެ ނީލަމުގައި ބައެއް ބޯކިބާ 700 އަށް އަދި 500 އަށްވެސް ވިއްކާފައި ވެ އެވެ.
ބޯކިބާތައް ނީލަން ކިޔުމުގެ އިތުރުން ފޮނި އަދި ކުޅި، ދެވައްތަރުން އެއްވަނަ ދެވަނަ އަދި ތިންވަނައަށް އެއްމެ ރަހަމީރު އަދި ޑިސްޕްލޭ ކުރުމުގައި އެއްމެ ފުރިހަމަ ބޯކިބާތައް ހޮވާ އެ ބޯކިބާތައް ތައްޔާރުކުރި ކްލާސްތަކަށް ފައިސާގެ އިނާމާއި ސެޓްފިކެޓް ދީފައި ވެ އެވެ. އެ ބޯކިބާތަކަށް ޖަޖުކުރީ، ކެއްކުމުގެ ދާއިރާގައި ރާއްޖޭގެ ތަޖުރިބާކާރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް