ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލަރުން ހޮވައިދީ: އަޒްލީން

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ފަރާތްތައް ހޮވައި ދިނުމަށް އެދޭކަމަށް ހޯ...

26 Feb 2017 | 07:48

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސިޓީ ކައުންސިލްތަކާއި އަތޮޅު އަދި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ފަރާތްތައް ހޮވައި ދިނުމަށް އެދޭކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި އެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ މީހުން ކައުންސިލްތަކަށް ހޮވަން ޖެހެނީ ކައުންސިލްތަކުގެ މަސައްކަތްތައް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޯކަލް ކައުންސިލްތަކަކީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ހިދުމަތްދޭ ސަރުކާރުގެ މުހިންމު ފަށަލައެއް ކަމަށެވެ. އެހެންކަމުން ކައުންސިލްތަކުގެ އެންމެ މުހިންމު އެއް ދައުރަކީ ރައްޔިތުންނަށްދޭ ހިދުމަތްތައް ހަމަހަމަކަމާ އެކު، ރައްޔިތުން އެދޭ ގޮތަށް ބައްޓަން ކުރުމަށް މަސައްކަތް ކުރުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

"މި މަގަށް ބައްޓަން ކުރެވޭނީ ރައްޔިތުންގެ ހިޔާލާއި ބައިވެރިވުން އިތުރުކޮށްގެންނެވެ. ކައުންސިލްތަކުގެ ނިންމުންތަކާއި އަމަލީ މަސައްކަތްތައް ތަންފީޒު ކުރެވެމުންދާ ގޮތުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކޮށް ރައްޔިތުންގެ ހިޔާލު ހޯދައިގެންނެވެ. ޖަވާބުދާރީވާ ޒިންމާދާރު ކައުންސިލަކަށް ވެވޭނީ އޭރުންނެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަޒްލީން ވިދާޅުވީ އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި ލާމަރުކަޒީ ނިޒާމު ބައްޓަން ކޮށްފައި ވަނީ ތަފާތު މަރުހަލާތައް ކަޑައްތު ކޮށް އަދި ތަޖުރިބާތަކުގެ އަލީގައި ކަމަށް ވިޔަސް ރާއްޖޭގެ ހާލަތު ތަފާތު ކަމަށެވެ. އޭގެ ނަތީޖާ އަކީ ލާމަރުކަޒީ ނިޒާމު ހިންގުމަށް ރާއްޖޭގައި ގޮންޖެހުންތައް ކުރިމަތިވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ކައުންސިލްތަކުގެ މަސައްކަތް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރި އެންމެ މުހިންމު އެއް ކަމަކީ ހުރިހާ ކައުންސިލްތައް އެއް ވިއުގައަކުން ގުޅައިލުމެވެ. އަޒްލީން ވިދާޅުވީ 2011 ގައި ކައުންސިލްތައް އުފެއްދުމާ އެކު، ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހުރިހާ ކައުންސިލްތައް އިލެކްޓްރޯނިކް ވިއުގައަކުން މިހާރު ގުޅާލާފައި ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ސިސްޓަމް އެޕްލިކޭޝަންތައް އުފެއްދުން ކަމަށް އަޒްލީން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް