ބޮލީވުޑްގައި ކާމިޔާބު ފިލްމުތަކެއް ކުޅުނު އައިޝާ ޓާކިޔާ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ ފާޑު ކިޔުމުން އޭނާ ރައްދު ދީފި އެވެ.
ފިލްމީ ދާއިރާއާއި ދުރުގައި އުޅުމަށް ފަހު މިދިޔަ ހަފްތާ ބަންދުގައި ބޭއްވި ހަފްލާއަކުން ފެނުމުން އެކަކަށްވެސް އެއީ ކާކުކަން ނޭނގުނު ހަބަރަކީ އިއްޔެ އިންޑިއާގެ ފިލްމީ ދާއިރާގައި ބޮޑު ހަބަރެކެވެ. އައިޝާގެ ފޮޓޯ ނަގައި ނޫސްތަކުގައި ޖަހައި ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވަނީ އޭނާ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެފައިވެ އެވެ.
ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް އެ ބުނާ ވާހަކައަށް އައިޝާ ސީދާ އިންކާރެއް ނުކުރެ އެވެ.
އެކަމަކު ބުނެފައިވަނީ ފާޑު ކިޔާ މީހުންނާއި ރުޅި އަންނަ މީހުން ނުހުއްޓުވޭނެ ކަމަށެވެ. އަދި އަހަރުމެން ދިރިއުޅެމުން ދަނީ ފުރައްސާރަ ކުރުން އާންމު ތަނެއްގައި ކަމަށާއި އެކަމަކު އަމިއްލައަށް އެކަމާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މީހަކު ކިޔާ އެއްޗަކަށް ނުބަލާ އަމިއްލަ ސިފައާއި އަމިއްލަ ނަފްސަށް ފަހުރުވެރިވާން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
އައިޝާ ފިލްމީ ދާއިރާއާއި ދުރަށް ދިޔައީ 2009 ވަނަ އަހަރު މުމްބާއީގެ ސިޔާސީ ލީޑަރެއްގެ ދަރިއެއްކަމަށްވާ ފަރްހާދް އަޒްމީ އާއި ކައިވެނި ކުރުމަށް ފަހު އެވެ. މިހާރު އެ ދެމަފިރިންނަށް މީކާއިލް ކިޔާ ފިރިހެން ކުއްޖަކުވެސް ވަނީ ލިބިފައި އެވެ.
އައިޝާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "ވޯންޓެޑް" އާއި "ތާޒަން" ފަދަ ފިލްމުތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް