ކުއްލި ހާލަތާއި ކާރިސާގެ ކަންކަން ބެލެހެއްޓުމާއި ގުޅޭ ފަރިތަކުރުމުގެ ޕްރޮގްރާމެއް ލ ގަމުގައި ހިންގައިފި އެވެ.
މި ގްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) އާއި ހަންދުންމަތީ ގަމު ކައުންސިލްގެ އިދާރާއާއި ގުޅިގެންނެވެ.
ހައްދުންމަތީ ގަމުގެ ތިން އަވަށް (މަތިމަރަދޫ، ތުނޑި، އަދި މުކުރިމަގު) ހިމެނޭ ގޮތަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި ހައްދުންމަތީ ގަމު ކައުންސިލް ގުޅިގެން މިފަރިތަކުރުން ކުރިޔަށް ގެންގޮސްފައިވަނީ 25 ފެބްރުއަރީ 2017 ވީހޮނިހިރު ދުވަހު މެންދުރު ފަހު 13:50 އިން 15:45 އަށެވެ.
އެންޑީއެމްސީ އިން ހާމަކޮށްފައިވާގޮތުގައި މިފަރިތަކުރުން ރާވާފައިވަނީ ސުނާމީއެއްގެ އިންޒާރު ރަށު ކައުންސިލްގެ އިދާރާއަށް ލިބުމާއެކު، ރަށު ފެންވަރުގައި ކާރިސާގެ ކަންކަން ބެލެހެއްޓުމުގެ ޕްލޭނާއި އެއްގޮތަށް ރަށު ކައުންސިލްގައި އުފައްދާފައިވާ ކޮމެޓީ އާއި ރަށުގައި އެކުލަވާލާފައިވާ ޓާސްކްފޯސްއިން ރަށުގެ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގައި ހަރަކާތްތެރިކުރުވައި، ޕްލޭނާއި އެއްގޮތަށް ރަށު ރައްޔިތުން އިވޭކުއޭޝަން ސެންޓަރު ތަކަށް ބަދަލު ކޮށް، އެއަށްފަހު ރަށުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަނުގައި ޓާސްކްފޯސްތައް ހަރަކާތްތެރިވާ ގޮތަށެވެ. އަދި އޭގެފަހުގައި ސުނާމީގެ އިންޒާރާއެކު، ލިބުނު އިރުޝާދާއި އެއްގޮތްވާގޮތުގެމަތީން އިވަކުއޭޝަން ސެންޓަރާ ދިމާލަށް ދަތުރުކުރަމުންދިޔަ ސްކޫލު ކުދިންގެ ބަހެއް ފުރޮޅާލައި އޭގެން ދަތުރުކުރި 10 ކުދިންނަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭ ގޮތަށާއި މުޅި މިފަރިތަކުރުމުގައި ޓެސްޓްކުރެވުނު 3 ސިނާރިއޯ ހިމެނޭގޮތަށް ތިން އިވެކުއޭޝަން ސެންޓަރަށް ޖުމްލަ 265 މީހަކު އިވެކްއޭޓް ކުރެވުނެވެ
މިފަރިތަކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، ގަމު ކައުންސިލްގެ އިދާރާ، މޯލްޑިވްސް ޕޮލިސް ސާރވިސް، އެމް.އެން.ޑީ.އެފްގެ ސެންޓްރަލް އޭރިޔާ، ގަމު ރީޖަނަލް ހޮސްޕިޓަލް، ފެނަކަ ކޯރޕަރޭޝަން، ހަމަދު ބިން ޚަލީފާ އަލް ޡާނީ ސްކޫލް އަދި އިހަންދޫ ސްކޫލް ގުޅިގެން ކަމަށާއި އަދި މިފަރިތަކުރުން ކުރިޔަށް ގެންދިޔުމުގައި މި މުއައްސަސާތަކުގެ މުވައްޒަފުންނާއި އާއްމުން ވަނީ ޢަމަލީ ގޮތުން ބައިވެރިވެފައިވާކަމުގައި އެންޑީއެމްސީ އިން ބުނެ އެވެ.
އެންޑީއެމްސީން ބުނީ މިތަމްރީން ޕްރޮގްރާމްގެ މަޤްސަދަކީ ރަށު ފެންވަރުގައި ހާދިސާއާއި، ކާރިސާ ދިމާވާން މެދުވެރިވާ ސަބަބުތައް ދެނެގަނެ ގެއްލުން ކުޑަކުރުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތައް ދެނެގަތުމެވެ. އަދި މީގެ އިތުރުން ރަށު ފެންވަރުގައި ދިމާވާ ހިރާސްތައް ކުޑަކުރުމަށްޓަކައި އެޅިދާނެ ފިޔާވަޅުތައް ކަނޑައަޅައި ކާރިސާގެ ވަގުތުގައި މުޖުތަމަޢު ހަރަކާތްތެރި ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމެވެ. އަދި މިގޮތުން ހައްދުންމަތީ ގަމުގައި ކުރިއަށް ގެންދެވުނު ރަށުފެންވަރުގައި ކާރިސާގެ ކަންކަން ބެލެއްޓުމުގެ ތަމްރީން ޕްރޮގްރާމްގެ ދަށުން ހެދުނު ޕްލޭން ޓެސްޓުކޮށް އަޖުމަ ބެލެމުށާއި މުތާލިއާކޮށް ރަށުގައި ހުރި ޤާބިލްކަމާއި ރަށުގެ ހުރި ވަޞީލަތްތައް ދެނެގަތުން ކަމުގައިވެސް އެންޑީއެމްސީން ބުނެ އެވެ.
މި ފަރިތަކުރުން ކުރިޔަށްދާގޮތް ބައްލަވާ ލެއްވުމަށްޓަކައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަލަން ސެކިޔުރިޓީ އަލްފާޟިލް އާދަމް ޝަރީފާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަލަން ސެކިޔުރިޓީގެ ޑެޕިޔުޓީ މިނިސްޓަރ އަލްފާޟިލާ ފާތިމަތު ތަސްނީމްގެ އިތުރުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެންޑީއެމްސީން އިތުރަށް ބުނީ މިފަރިތަކުރުން ނިންމާލުމަށްފަހު، ފަރިތަކުރުމުގައި ރަނގަޅަށް ހިނގާދިޔަ ކަންތައްތަކާއި މިފަދަ ހާދިސާއެއްގެ ވަގުތުގައި ރަނގަޅު ކުރަން ޖެހޭ ކަމަށް ފާހަނަގަ ކުރެވުނު ކަންކަމާބެހޭ ގޮތުން، މިފަރިތަކުރުމުގައި ބައިވެރިވި އެންމެހާ ފަރާތްތައް ހިމެނޭ ގޮތަށް 4:15 ގައި ވަނީ ޑީބްރީފިންގ ސެޝަން އެއް ބޭއްވުނު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް