ލ. ގަމާއި، ގައްދޫގައި ހޮސްޕިޓަލް އެޅުމަށް ހޮމްޓް އެސްޕަނިޔާއާ ހަވާލުކޮށްފި

ލ. ގަމުގައި 130 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލެއް އިމާރާތްކުރުމަށާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕޓަލެއް އިމާރާތްކުރުމަށް ސްޕެއިންގެ ކުންފުންޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާ އާއި ހަވާލު ކޮށްފި އެވެ. މ...

26 Jan 2023 | 15:54

ލ. ގަމުގައި 130 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލެއް އިމާރާތްކުރުމަށާއި ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕޓަލެއް އިމާރާތްކުރުމަށް ސްޕެއިންގެ ކުންފުންޏެއް ކަމުގައިވާ ހޮމްޓް އެސްޕަނިއާ އާއި ހަވާލު ކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އިން ކަމަށް ހެލްތް މިނިސްޓްރީން ބުނެފައި ވެއެވެ.

ހެލްތް މިނިސްޓްރީން މިއަދު ބުނީ މި އެއްބަސްވުމުގެ ދަށުން މި ދެ ހޮސްޕިޓަލްގެ ސްޓާފު އެކަމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކްޕްމަންޓު ގާއިމް ކޮށްދޭން ޖެހެ އެވެ. އަދި އެ ކުންފުނިން އެ ހޮސްޕިޓަލްގެ މުވައްޒަފުން ތަމްރީން ކުރާނެ ކަމަށެވެ.

މި ދެ ހޮސްޕިޓަލް ތެރެއިން ލ.ގަމު ހޮސްޕިޓަލް އިމާރާތްކުރުމަށް ދެވިފައިވަނީ 36 މަސްދުވަހެވެ. އަދި ގދ. ގައްދޫ ހޮސްޕިޓަލް ޢިމާރާތްކުރުމަށް ދެވިފައިވަނީ 30 މަސްދުވަހެވެ.

މީގެ އިތުރުން ހެލްތް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަށް ފައިނޭސް ކުރުމަށް ހަމަޖެހިފައިވަނީ، ޑޮއިޗަރ ބޭންކުގެ ފަރާތުން ކަމަށެވެ.

މި ދެ ހޮސްޕިޓަލް ހޮމްޓް އެސްޕަނިއާ އާއި ހަވާލުކޮށްފައި ވަނީ €79,050,022.60 (ހަތްދިހަ ނުވަމިލިއަން ފަންސާސްހާސް ބާވީސް ޕޮއިންޓް ހައެއް ސުމެއް ޔޫރޯ) އަށެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އަހުމަދު އާދިލް އަދި ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ހޮމްޓް އެސްޕާނިޔާގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އެޑުއާރޑޯ އޮލިވޭރިއާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް