އަދާލަތު ޕާޓީގެ މިސްރާބު ގޯސްވެގެންދިޔައީ ބަޔަކު ޕާޓީ ހިސޯރުކުރި ހިސާބުން ކަމުގައި އެ ޕާޓީގެ ސްލޮޓުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި މައުލޫގައި ޑރ. ޝަހީމް ވިދާޅުވީ އަދާލަތު ޕާޓީ އުފެދިގެން ގައުމީ ރަނގަޅު ކިތަންމެ ހިދުމަތްތަކެއް އުފެއްދުމަށް މަސައްކަތް ކުރި ކަމަށާއި އޭގެ ތެރޭގައި އިސްލާމީ ފިގްހް އެކޭޑަމީ، އިސްލާމިކް ބޭންކް، ހައްޖު ކޯޕަރޭޝަން ހިމެނޭ ކަމަށެވެ. އަދި އެފަދަ ކިތަންމެ ކަމެއް ގާއިމު ކުރުމުގައި އެ ޕާޓީގެ ދައުރު އަދާކުރިކަން ޑރ. ޝަހީމް ފާހަގަކުރެއްވިއެވެ.
"ނަމަވެސް ފަހުން އޭޕީ ހިސޯރުކުރީ ކުރިން ބުނި ފަދަ އެކްޓިވްސް ބައެއގެ ނުފޫޒު، ނަތީޖާއަކަށްވީ ބިނާކުރަނިވި ވިސްނުން ދޫކޮށް ވެރިންނަށް ސަނާކިޔާ ސްޓައިލްގެ ދީނީ ވިސްނުން އުފެދުނީ، ނަތީޖާއަކީ ފަސް އަހަރުވީ އިރުވެސް ހަރުދަނާ ކަމެއް ނުވުން، ކުޑަމިނުން ފަތުވާ ކައުންސިލުވެސް މަރާލީ" ޑރ. ޝަހީމް ވިދާޅުވެފައިއެވެ.
އެއަށްފަހު އަދާލަތު ޕާޓީގެ ރައީސް، ޝައިޚް އިމްރާނު އަރިހުން ޑރ. ޝަހީމް އެދިލައްވާފައިވަނީ އަދާލަތު ޕާޓީ ސާފުކޮށް އެ ޕާޓީ ގާއިމުކުރެވުނު އަސްލު ތަސައްވުރަށް މިސްރާބު ހިފުމަށެވެ. އެއީ ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމުގައިވެސް ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް