މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދު ސާފު ކުރަން ފަށައިފި

މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. "ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ، "ބިންވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމ...

26 Jan 2023 | 09:00

މާލޭ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރާ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ، "ބިންވެރިޔާ ސްކީމް" ގެ ދަށުން ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،000 ގޯއްޗެވެ. ދެން މާލޭ މީހުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގުޅީ ފަޅުންނެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެއިން ދޫކުރަން ހަމަޖެހިފައިވާ ސަރަޙައްދުތައް 12،050 އަކަފޫޓަށްވުރެ ކުޑަ ނުވާނެކަމަށެވެ. އަދި ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ފޯމްތައް އިވެލުއޭޓްކޮށް ނިމެންވާއިރަށް މިބިންތައް ސާފުކޮށް އިންޖަހާ ނިންމާނެކަމަށެވެ.

މީގެ އިތުރުން އެތަނުގައި ޔުޓިލިޓީގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މައުލޫމާތުދެ އެވެ. މި ބިންތައް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް ދޭއްގެ ހަ ސަރަހައްދުތަކުންނެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ މާޗް މަހު އާންމު ކުރާނެ ކަމަށެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ބުނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭއިރު ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވާނަމަ 4،000 އަކަފޫޓުގެ ގޯއްޗެއް ލިބޭނެ އެވެ.

މާލޭ ރައްޔިތުންނަށް ގޯތިދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި 15،000 އަށްވުރެ ގިނަ ފޯމު "ގެދޮރުވެރިން" ޕޯޓަލަށް ހުށަހަޅާފައިވެއެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4،000 ފްލެޓާއި، 3،000 ގޯއްޗަށް ކުރިމަތިލުމަށެވެ. މީގެ ތެރެއިން 1،000 ގޯއްޗާއި، 4،000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ. އަދި ބާކީ 2،000 ގޯތި ދޫކުރުމަށް ނިންމާފައިވަނީ ގުޅީފަޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް