އެންޑީއެމްއޭއިން އެމްއެންޑީއެފް މެޑިކަލް ކޯއަށް އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ ރެގިއުލޭޓަރުތަކެއް ހަދިޔާކޮށްފި

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން، އެމްއެންޑީއެފް މެޑިކަލް ކޯރއަށް އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކުރައްވައިފި އެވެ. އެމްއެންޑީއެފުން ބުނީ މިކަމަށް...

26 Jan 2023 | 04:14

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން، އެމްއެންޑީއެފް މެޑިކަލް ކޯރއަށް އޮކްސިޖަން ސިލިންޑަރުގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާކުރައްވައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެމްއެންޑީއެފް މެޑިކަލް ކޯރގެ ސާޖަން ޖެނެރަލް، ކާނަލް ޑރ. ޢަލީ ޝާހިދު މުޙައްމަދު ކަމަށެވެ.

އަދި، އެންޑީއެމްއޭ ފަރާތުން މި ތަކެތި ހަވާލުކުރެއްވީ، އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް، އަލްފާޟިލް ހިސާން ޙަސަން އެވެ.

އެމްއެންޑީއެފް މެޑިކަލް ކޯރގެ ބޭނުންތަކަށް އެންޑީއެމްއޭއިން އޮކްސިޖަން ސިލިންޑަރގައި ހަރުކުރާ 20 ރެގިއުލޭޓަރު ހަދިޔާ ކުރައްވާފައިވަނީ އިމަޖެންސީ ރެސްޕޮންސް ޚިދުމަތްތަކުގައި އެމްއެންޑީއެފް މެޑިކަލް ކޯރގެ ކޭޕަބިލިޓީ އިތުރުކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ޝަމާލްގެ ވާހަކަފުޅުގައި އަލިފާނުގެ ހާދިސާތަކާއި ޤުދުރަތީ އެކިއެކި ހާދިސާތައް ދިމާވުމުން، ސިފައިން ހަރަކާތްތެރިވާއިރު އެންޑީއެމްއޭގެ ސްޓާފުން ވެސް އެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވެލައްވަމުން ގެންދަވާކަން ފާހަގަކުރެއްވި އެވެ.

އަދި އެންޑީއެމްއޭގެ ފަރާތުން އެމްއެންޑީއެފަށް ވެދެއްވާ އެހީތެރިކަމަށް ޝަމާލް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް