ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނޫސް އެޖެންސީ ކަމަށްވާ ބްރިޓިޝް ބްރޯޑްކާސްޓިން ކޯޕަރޭޝަން (ބީބީސީ) އިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސިޔާސީ ހަޔާތާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީ އެ ގައުމުގެ ރައްޔިތުން ބެލިޔަ ނުދޭން ވެގެން ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
މި ޑޮކިއުމެންޓްރީގެ ފުރަތަމަ އެޕިސޯޑު އެ ޗެނަލުން އޮންއެއާ ކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އެވެ. އެއާއެކު އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީއަށް އެރި ގުޑުމާއި އެކު އެ ޑޮކިއުމެންޓްރީ އިންޑިއާގައި ނުބެލޭނެ ހުރިހާ ގޮތެއް ދަނީ ހަދަމުންނެވެ.
ދެ ވަނަ އެޕިސޯޑު މިދިޔަ އަންގާރަ ދުވަހުގެ ރޭ ދައްކަން އޮތް ގަޑިއަށް ވެރިރަށް ދިއްލީގައި ހުންނަ ޖަވާހިރުލާލް ނެހެރޫ ޔުނިވާސިޓީއާއި ޖާމިއާ މިލިއާ އިސްލާމިއާ ޔުނިވާސިޓީގެ ކެމްޕަސްތަކުން ކަރަންޓާއި އިންޓަނެޓް ކަނޑާލާފައިވެ އެވެ. އެތަނުގައި ދިރިއުޅޭ ދަރިވަރުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ދުރާލާ އެ ޑޮކިއުމެންޓްރީ އެއްވެސް ގޮތަކުން ހޯދައިގެން ނުބެލުމަށް ދެ ޔުނިވާސިޓީގެ އެޑްމިނިސްޓްރޭޝަނުން އަންގާފައިވާ ކަމަށެވެ.
އެކަމަކު އެކި ގޮތްގޮތުން އިންޓަނެޓް މެދުވެރިކޮށް ބަލަން ދަރިވަރުން ތައްޔާރުވެގެން ތިއްބަ ކުރިން އެންގުމަކާއި ނުލައި އިންޓަނެޓާއި ކަރަންޓު ކަނޑާލުމުން ދަރިވަރުން ދަނީ މުޒާހަރާ ކުރަމުންނެވެ.
މި ޑޮކިއުމެންޓްރީ ބެލުން އިންޑިއާގައި މަނާ ކުރި ނަމަވެސް އިދިކޮޅު ފަރާތްތަކާއި މިނިވަން ހިޔާލުގެ މީހުން ދަނީ ޑޮކިއުމެންޓްރީގެ ލިންކް އިންޓަނެޓްގައި ހިއްސާ ކުރަމުންނެވެ. އެހެންވެ އިންޑިއާ ސަރުކާރުން ދަނީ ސޯޝަލް މީޑިއާ ނެޓްވޯކްތަކަށް އެފަދަ ލިންކުތައް އިންޑިއާގައި ނުބެލޭނެ ގޮތް ހެދުމަށް އިންޒާރު ދެމުންނެވެ.
މިކަމާއި ގުޅިގެން ޔޫޓިއުބުން ބުނީ އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނަށް އެ ނެޓްވޯކުން އިހުތިރާމްކޮށް އިންޑިއާގެ އެއްވެސް ހިސާބެއްގައި އެ ޑޮކިއުމެންޓްރީ ނުބެލޭ ގޮތް ހަދާފައިވާނެ ކަމަށެވެ. ޓުވިޓާއިން ބުނީ މިހާތަނަށް އެ ޑޮކިއުމެންޓްރީގެ ލިންކް ހިއްސާކޮށްފައިވާ 50 އެއްހާ ޕޯސްޓް ނުބެލޭގޮތް ހަދާފައިވާ ކަމަށާއި ކުރިޔަށް އޮތްތާވެސް އެގޮތަށް އަމަލު ކުރާނެ ކަމަށެވެ.
މި މައްސަލައިގަ ބީބީސީން ބުނީ އެހެން މީހުންލާ ލިންކުތައް ނުފެންނަގޮތް ހަދައި ރިމޫވް ކުރިޔަސް އެއްވެސް ނެޓްވޯކަކަށް ބީބީސީގެ ރަސްމީ އެކައުންޓަކުން އަޕްލޯޑު ކުރާ ވީޑިއޯއެއް ޑިލީޑް ނުކުރެވޭނެ ކަމަށެވެ. އަދި ކޮށްފި ނަމަ ގާނޫނުގެ ތެރެއިން އެކަން ބަލާނެ ކަމަށެވެ.
މޯދީގެ ސިޔާސީ ހަޔާތުގެ މައްޗަށް ބީބީސީން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީގެ ފުރަތަމަ އެޕިސޯޑުގައި ފެންނަނީ 1992 ވަނަ އަހަރު ބީޖޭޕީ އާއި ގުޅި ސިޔާސީ މައިދާނަށް މޯދީ ވަންނަ ހިސާބެވެ. އޭގެ ފަހުން އޭނާ ގުޖްރާތް ސްޓޭޓްގެ ޗީފް މިނިސްޓްރަކަށް ވާ ހިސާބަށް އޭނާގެ ސިޔާސީ ހަޔާތުގައި ދިމާވެފައިވާ މުހިންމު ކަންކަން ދައްކަން އެވެ.
މޯދީ އާއި އިންޑިއާ ސަރުކާރުން ރުޅި އައިސްގެން އުޅެނީ އެ ޑޮކިއުމެންޓްރީގައި މޯދީ ގެންގުޅޭ ހިންދޫއިޒަމް ކަމާއި މުސްލިމުން އެ ގައުމުން ނައްތާލަން ރާވާ ހިންގާ ކަންކަމާއި ގުޅޭ ސިއްރު މައުލޫމާތުތައް ހާމަ ކުރާތީ އެވެ. އެގޮތުން އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ވަނީ 2002 ވަނަ އަހަރު ގުޖުރާތުގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ހާހަކަށްވުރެ ގިނަ މީހުން މަރުވި ހާދިސާގެ ހަގީގަތް ހާމަކޮށްފައި އެވެ.
އެ ޑޮކިއުމެންޓްރީގައި ބުނެފައިވާގޮތުގައި އެ ހަމަނުޖެހުން ބޮޑުކޮށް، މުސްލިމުންގެ ގެތަކުގައި ހުޅު ޖަހައި މުސްލިމުން މަރައި އެމީހުންގެ ފުރާނައަށް ނުރައްކާވާނެ ހުރިހާ ކަމެއް ހިންދޫން ލައްވާ ކުރުވީ ސީދާ މޯދީގެ އަމުރަށް ކަމަށެވެ.
އިންޑިއާ ސަރުކާރުން ވަނީ އެ ޑޮކިއުމެންޓްރީ ހެދި އިރު ސަރުކާރުގެ ބަހެއް ހިމަނާފައި ނުވާކަމަށް ބުނެވެސް ފާޑުކިޔާފައި އެވެ. މިކަމާއި ގުޅިގެން ބީބީސީން ބުނީ އެތައް ފަހަރަކު ލިޔުމުންނާއި ފޯނުން މަސައްކަތް ކޮށްގެންވެސް އިންޑިއާ ސަރުކާރުން އެމީހުން ކުރި ސުވާލުތަކަށް ޖަވާބު ދީފައި ނުވާ ކަމަށެވެ.
އިންޑިއާގައި މި ޑޮކިއުމެންޓްރީ ދެއްކުން މަނާ ކޮށްފައިވާ މައްސަލަ ހޫނުވަމުން ދާއިރު ޖަވާހިރުލާލާއި ޖާމިއާ މިލިއާ ޔުނިވާސިޓީގެ ދަރިވަރުން ވަނީ އެ ޑޮކިއުމެންޓްރީ ދެއްކުމަށް ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމާފައި އެވެ. އަދި އެހެން އަމިއްލަ ޖަމިއްޔާތަކުންވެސް އިންޑިއާގައި އެ ޑޮކިއުމެންޓްރީ ބޮޑު ސްކްރީންގައި އެޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް