ރ. ދުވާފަރާއި ބ. ދަރަވަންދޫގައި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ ދުވާފަރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދުވާފަރު ބަނދަރު ފުންކުރުމާއި ބޭރު ތޮށީގައި ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 39,135 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 154 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން 180 ދުވަސްތެރޭގައި ނިންމުމަށް ކުރިއަށް ގެންދާ 10.59 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ ބ. ދަރަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 30,504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1,843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4,126 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރޭމްޕް ސަރަހައްދު ފުންކުރުން ހިމެނޭ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އަދި 2,301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 352 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓެއް ޖެހުމާއި، 24 މީޓަރުގެ ސަރަޙައްދެއްގައި ގްރައިންސް ޖެހުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.
މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2,104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން އެއް އަހަރު ދުވަސްތެރޭގައި ނިންމުމަށް 55.48 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.
އެމްޓީސީސީން ބުނީ ދުވާފަރާއި ދަރަވަންދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢު ފެށުމަށް ހަމަޖެހިފައިވަނީ އީއައޭ ރިޕޯޓު އެކުލަވާލުމަށް ފަހު ކަމަށެވެ.
މި ދެ މަޝްރޫޢުގެ އެއްބަސްވުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫޤެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް