އައިސިސްގެ އަމީރަކަށް ޝަރީފު ހަމަޖައްސައި ރާއްޖޭގައި ބޮމެއް ގޮއްވާލަން ރޭވި

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިިސްއިން ރާއްޖޭގައި ޓެރަރިސްޓު ހަމަލާދޭން ރޭވީ އެޖަމާއަތުގެ ހަރޫސަން ޕްރޮވިންސްގެ އަމީރަކަށް ތ. ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފު އައްޔަ...

26 Jan 2021 | 08:36

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިސިިސްއިން ރާއްޖޭގައި ޓެރަރިސްޓު ހަމަލާދޭން ރޭވީ އެޖަމާއަތުގެ ހަރޫސަން ޕްރޮވިންސްގެ އަމީރަކަށް ތ. ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފު އައްޔަންކޮށްގެން ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ ބަޔަކު ޓެރަރިސްޓު ހަމަލާއެއްދޭން ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސްއަށް ލިބިގެން ހާއްސަ އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަން ފެށީ އަމީރަކަށް ޝަރީފު އައްޔަން ކުރިކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ. އަދި ތިމަރަފުށީ ހަރުކަށި ފިކުރުގެ އިސް ފަރާތްތަކުން ގެންގުޅޭ "ނަސާހް 3" ނަމަކަށް ކިޔާ ހުއިފިލަނޑާ ނަގާ ދޯނީގައި އައިއައިޑީއެއް ތައްޔާރުކުރާ އާލާތްތައް އެއްކޮށް ދޯނީގައި އައިއައިޑީ ތައްޔާރުކޮށް ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތުު ފުލުހުންނަށް ލިބުމުންނެވެ.

ފުލުހުން ބުނީ ޝަރީފު އަމީރަކަށް އައްޔަން ކޮށްފައިވާކަން އެނގުނީ ތަހުގީގަށް ތިމަރަފުށީ 16 ގެއެއް ބަލައި ފާސްކޮށް އިތުރު ދެ ތަނެއް ފާސްކުރި އިރު، ތުހުމަތަށް ހައްޔަރުކުރި މީހެއްގެ ފޯނުން އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ޝަރީފް އައްޔަންކޮށްފައިވާ ކަމުގެ ލިޔުމެއް ފެނިފައިވާތީ ކަމަށެވެ.

ފުލުހުން ވަނީ އެ މައްސަލައިގަ އަށް މީހަކު ހައްޔަރުކޮށްފައި އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު އައިސިސް އާއި ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ރާއްޖޭގައި ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗް ކުރަމުންދާ ކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން އެކަކު އައިސިސްއަށް ތާއީދުކޮށް އެ ޖަމާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތަކަށް ފައިސާގެ އެހީ ހޯދަދިނުމަށް ޓެލެގްރާމްގެ އެކި ޗެނަލްތަކުގައި ފަންޑްރައިޒް ކުރުމުގެ ހަރަކާތްތައް ހިންގި ކަމަށެވެ. އެކި ފަރާތްތައް މެދުވެރިކޮށް ސީރިޔާއަށް ފައިސާ ފޮނުވައި ރާއްޖޭގައި ލިބެން ހުރި ގަސްކާނާއިން އެމޯނިއަމް ނައިޓްސްރޭޓް ވަކިކޮށް ހަމަލާއެއް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ތަހުގީގަށް އެނގިފައިވެ އެވެ.

"ނަސާޙް 3" ދޯނި ބަލައި ފާސްކުރުމަށް ފަހު އެ ދޯނިން އައިއީޑީއެއް ހެދުމަށް ބޭނުންކުރެވިދާނެކަމަށް ބެލެވޭ ބައެއް އާލާތްތައް ފެނުނު ކަމަށާއި ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށްބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ފެނިފައިވާ ކަމަށް ބުންޏެވެ. އެ ދޯނި ބަލައި ފާސްކޮށް ހައްޔަރު ކުރި މީހުންގެ އަތުން ގޮވާތަކެތި ހަދާނެ ގޮތުގެ މެނުއަލްތައް ވެސް، ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ތިމަރަފުށިން ފާސްކުރި ގެއަކުންވެސް އައިއީޑީއެއް ތައްޔާރުކުރަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއި ގޮވާތަކެތި ތައްޔާރުކުރުމާއި ގުޅޭ މެނުއަލް ފަދަ ލިޔުންތައް ހުރި ޑިވައިސްތައް ފުލުހުންނަށް ވަނީ ފެނިފަ އެވެ. ފުލުހުން ބުނީ މިމައްސަލައިގައި ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހަކު އެކްސްޕްލޯސިވްއެއް ތައްޔާރުކުރަން ބޭނުންވާ ކެމިކަލް ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

މި މީހުން ހަމަލާދޭން ގަސްދުކޮށްފައިވާ ބައެއް ތަންތަން ކަނޑައަޅާފައިވާކަން ފާހަގަކުރެވުނު ކަމަށާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކި ހަރަކާތް ހިންގުމަށް ކަނޑައަޅާފައިވާ ޓީމުތަކެއް އެކުލަވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަރުކަށި ފިކުރު ގަބޫލުކޮށް އެ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ކުޑަކުދިންނަށާއި، ދަތި ހާލުގައި އުޅޭ މީހުންނަށާއި، ކުށްކުރާ މީހުންގެ ތެރެއިން ފައިސާއަށް ހެއްލޭ ކުދިންނަށް އަމާޒުކޮށްގެން ފުރަތަމަ ކުރާ ކަމަކީ ދީނީ ކަންކަމަށް ހިތްވަރު ދިނުން ކަމަށް ވިޔަސް އޭގެ ފަހުން، މިސްކިތުގެ ޖަމާއަތަށް އަރަން ނުޖެހޭނެކަމަށާއި ސަރުކާރުން ކަނޑައަޅާ އިމާމުންގެ ފަހަތުގައި ނަމާދުކުރުން ހުއްދަނުވާނެކަމަށްބުނެ ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރުވުމަށް ބާރުއަޅާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ދީނީގޮތުން ޚިލާފު އުފެދޭ އެކި ބާވަތުގެ ވީޑިއޯތައް ދައްކާ، ހަރުކަށި ފިކުރާއި ގުޅުންހުރި ޕްރިންޓްކޮށްފައިވާ އެކި ފޮތްތައް އެފަރާތްތަކާއި ހަވާލުކޮށް އެ ކިޔުމަށް ބާރުއަޅައި، ހަރުކަށި ފިކުރުގެ ފަރާތްތަކުން ކުރިއަށްގެންދާ ދަރުސްތަކާއި، ކްލާސްތަކުގައި ބައިވެރިވުމަށް ބާރުއަޅާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކޮށް ނިންމައި ފުލުހުން ވަނީ އެ އަށް މީހުންނާއި ދެކޮަޅަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގަ އިތުރު މީހުން ހިމެނޭނެ ކަމަށް ބެލެވޭތީ އަދިވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް